ތިލަމާލެ ބުރިޖް އެޅުމުގެ އެއްބަސްވުމާއި އުތުރުތިލަފުޅު މަޝްރޫއު ގުޅުމެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފި އެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް"ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާއިން އިއްޔެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ވެސް ސިއްރުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އުތުރުތިލަފަޅުގެ މަޝްރޫއުއާ ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ އެއް ތަޅަކުން ތަޅުލެވިފައިވާ ދެ މަޝްރޫއު ކަމަށެވެ. އަދި އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ކަންބޮޑުވާން ޖެހޭ އެތައް ކަމެއް ހުރިއިރު އެއީ ސައްހަ އެއްބަސްވުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވިދާޅު ނުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ވެސް ސިއްރުކޮށް، ތިލަމާލެ ބްރިޖްގެ ނަމުގައި ސޮއިކުރުން ސައްހައެއް ނުވާނެ. ޔޫޓީއެފްއާއި ތިލަމާލެ މަޝްރޫއު ތަޅުލެވިފައި ވަނީ އެއް ތަޅަކުން،" އޭނާ ވިދާޅުވި އެވެ.

ޔޫޓީއެފް އެގްރީމެންޓަކީ ރާއްޖޭގައި އިންޑިއާ ސަރުކާރުން ހަދައިދޭ އަސްކަރީ ބަނދަރެއްގެ އެއްބަސްވުމެކެވެ. އެ ބަނދަރު ހެދުމުގެ މަސައްކަތް ކުރާނީ އިންޑިއާ އަސްކަރިއްޔާއިންނެވެ. އެކަމާ ގުޅޭ އެއްބަސްވުން ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ. ނަމަވެސް މި އެއްބަސްވުމުގެ ޑްރާފްޓެއް މީސްމީޑިއާގައި ވަނީ ދައުރުވެފަ އެވެ.

މީގެ އިތުރުން ކުރީގެ އިކޮނޮކިމް މިނިސްޓަރު ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހްގެ ސަރުކާރު އައި ފަހުން ރާއްޖޭގެ ދަރަނި އިތުރުވެފައިވާ މިންވަރާ މެދު ވެސް ސައީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި 40 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދުނު އިރު އާމްދަނީ އިތުރުކުރަން ކުރެވުނު ކަމެއް އޮތްތޯ ސުވާލު ކުރެއްވި އެވެ.