ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވުމަށް ގޮވާލާ އިދިކޮޅު ޕީޖީ މެމްބަރުން މިއަދު ރައީސް އޮފީހަށް ވަޑައިގެންފި އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ލީކުވެފައިވާ އޯޑިއޯތަކުން ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއާއި ހިލާފުވެފައިވާކަން ހާމަވާ ކަމަށެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ރީތިގޮތުގައި އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެމްބަރުން ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހާއި ބައްދަލުކުރައްވަން އެދިވަޑައިގަތުމުން އެބޭފުޅުންނާ ބައްދަލުކުރެއްވީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

އެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާތީ ރައީސް ސާލިހު އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ލީކުވެފައިވާ ތިން ފަނޑިޔާރުންގެ އޯޑިއޯގައި ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް އެކި ގޮތްގޮތުން އިރުޝާދު ދެއްވާފައިވާކަމަށް އެނގިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ މެމްބަރުން ހިއްސާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާއަށް މިކަމާ ގުޅިގެން އިދިކޮޅުން ކުއްލި މައްސަލައެއް ވެސް ހުށައެޅި އެވެ. ނަމަވެސް މަކުނުދޫ ދާއިރާގެ މެމްބަރު ވެސް ކުއްލި މައްސަލައެއް ހުށައަޅާފައިވާތީ ގުރުއަތަށް ދިއުމުން އިދިކޮޅުގެ މައްސަލަ ކުރިއަށް ނުގެންދެވުނެވެ. އެއާއެކު އިދިކޮޅުންވަނީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖުކުރަން ފަށައިފަ އެވެ. އަދި އިހްތިޖާޖު ނުހުއްޓާތީ މަޖިލީހުގެ ރިޔާސަތުން ވަނީ މަޖިލިސް މެދުކަނޑާލާފަ އެވެ. ރިޔާސަތުގައި އިންނެވީ ހަސަން އަފީފެވެ.