ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން، މާދަމާ ހިޔާ ޓަވަރު 3 އަދި 4 އަކަށް ކަރަންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މާދަމާ ކަރަންޓު ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްގެ ވެރިފަރާތަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ވަގުތު އަންގާނެ ކަމަށެވެ. އެގޮތުން މިއަދު ކަރަންޓް ދިނުމަށް ހަމަޖެހިފައިވަނީ ހިޔާ ޓަވަރު ތިނެއް އަދި ހިޔާ ޓަވަރު ހަތަރަކަށް ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ފްލެޓްގެ ވެރިފާރާތުން އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕްކޮޅާއި ފްލެޓުގެ ތަޅުދަނޑިއާއެކު ހާޒިރުވާން ޖެހޭނެ ކަމަށެވެ.
ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން އެސްއެމްއެސް ލިބި ހާޒިރު ނުވެއްޖެނަމަ އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުންނެވެ.
އެހެންކަމުން ކޮންމެ ދުވަހަކު ވެސް ކަރަންޓު ދޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގަ އެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6،720 ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގަ އެވެ.
ހިޔާގެ ބައެއް ޓަވަރުތަކަށް ކަރަންޓުދީފައި ވާތީ ފްލެޓް ތަޅުދަނޑި ލިބުނު ބައެއް މީހުން މިހާރު ވަނީ އެތަނުގެ ފިނިޝިން މަސައްކަތް ވެސް ފަށައިފަ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު އެ ފްލެޓް ނިންމުމަށް ކުލި ނުނަގާ ގޮތަށް ދީފައިވާ މުއްދަތަކީ ޑިސެމްބަރުގެ ނިޔަލެވެ.