ރައްޔިތުން މަޖިލީހުގެ ކުރީގެ އަމީން އާއްމު އަހުމަދު މުހައްމަދު ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.
އަހުމަދު ޕީޕީއެމް އަށް ސޮއިކޮށްފައިވަނީ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަހުމަދުގެ ފޯމާ ހަވާލުވީ އިދިކޮޅު ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އަހުމަދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭރުގެ މަދަނީ ކޯޓު [ސިވިލް ކޯޓު] ގެ އިސް ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އެންމެ ފުރަތަމަ މަޖިލީހުގެ އަމީން އާއްމުގެ މަގާމަށް އަހުމަދު އައްޔަން ކުރެއްވީ 2005ވަނަ އަހަރު އެވެ. އަދި 2010ވަނަ އަހަރު އެކުލަވާލި މަޖިލީހުގެ އައު ގަވާއިދުގެ ދަށުން އަނެއްކާ ވެސް އެ މަގާމަށް އަހުމަދު އައްޔަން ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމުން އަހުމަދު އިސްތިއުފާ ދެއްވާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.