ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވަރުގަދަ ރައްދުތަކެއް ދެއްވައިފި އެވެ.

އަދުރޭ ގާސިމްއަށް ރައްދު ދީފައިވަނީ އިއްޔެ މަޖިލީހުގެ ޖަލްސާގައި ގާސިމް، ރައީސް އަބްދުﷲ ޔާމީނަކީ ވަގެއް ކަމަށާއި އެވަރުގެ ނުލަފާ ލީޑަރަކު ނުދެކޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާގުޅިގެން ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގަ އެވެ.

އަދުރޭ ވިދާޅުވީ ގާސިމް ރައީސް ޔާމީނަށް ވަގަށް ގޮވާ ހަޑިހުތުރު ބަހުން މުއާމަލާތުކުރަނީ ލަދުހަޔާތް ކުޑަކަމުން ކަމަށެވެ.

"ރައީސް ޔާމީން ވައްކަން ކުރި ނަމަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި މާލެ ހުޅުމާލެ ބްރިޖާއި، އެެއަރޕޯޓް ތަރައްގީގެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވޭނެ. އަދި 4،200 ޑޮލަރުގައި ހުރި ޖީޑީޕީ 12،00 ޑޮލަރަށް ހެއްދެވީ ރައީސް ޔާމީން. ޓެކްސް ފައިސާ ނުދައްކަވާ ލީޑަރުންނަކަށް ގަައުމެއް ނުހިންގޭނެ،" ގާސިމަށް ފާދުވިދާޅުވަމުން އަދުރޭ ވިދާޅުވި އެވެ.

އެހެންކަމުން ޚިދުމަތުގެ ގޮތުން ބެލިއަސް އަދި ތަޖުރިބާގެ ގޮތުން ބެލިއަސް ގާސިމަށް ރައީސް ޔާމީނަށް ފާޑު ވިދާޅު ނުވެވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ފެބްރުއަރީ 1، 2018ގެ ހުކުމަކީ ގާސިމް އަޑީގައި ހުންނަވާ ރައީސް ޔާމީން ވެރިކަމުން ބޭރުކުރުމަށް ފަނޑިޔާރުންނަށް "އެދިން އެއްޗެއް" ދީގެން ކުރި ހުކުމެއް ކަމަށާއި، ގާސިމް ބޭސް ފަރުވާއަށް ޖަރުމަނަށް ފޮނުއްވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި އަދި އޭރު ފިއްލެވުމުން ރެޑް ނޯޓިސް ނެރެގެން ގެނެވެން އޮތް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ ޝަރީޢަތް އެންމެ ފުރަތަމަ ބެއްލެވި ފަނޑިޔާރު އަހުމަދު ހައިލަމަށް ގާސިމް ގުޅުއްވާ ވަކި ގޮތަކަށް ޝަރީޢަތް ގެންދަން ވާހަކަ ދެއްކި ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ބިމާ ބެހޭ ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީނަކީ ރާއްޖެ ނުދެކޭ ވަރުގެ ލީޑަރެއް ކަމަށާއި އެެއީ ރާއްްޖެ އާރާސްތުކުރައްވަން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވުމުން ނިޒާމީ ނުކުތާ ނަންގަވައިގެން ގާސިމް ވިދާޅުވީ ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ވަގެއް ކަމަށްވެސް ވިދާޅުވިއެވެ.

ކޯވިޑް -19އާ ގުޅިގެން ގާސިމް ހުންނެވީ މަޖިލީހަށް ވެސް ވަޑައިގެން ނުގެން އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެން ރިސޯޓުގަ އެވެ. ޖަލްސާތަކަށް ވަޑައިގަންނަވަން ފެޢްޓެވީ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފެށިގެންނެވެ.

އަދުރޭ ވިދާޅުވީ މާމިގިލީގައި ބޭއްވި ޖަލްސާއެއްގައި މިހާ ކުރުމުއްދަތެއްގެ ތެރޭގައި މިހާ ގިނަތަރައްގީއާއި މިހާގިނަ ކުރިއެރުން ގެނެސްދެއްވި ރައީސެއް ނުހުންނާނެ ކަމަށްވެސް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ.

ކޮވިޑްގެ ޕެންޑެމިކްގެ ތެރޭގައި މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރެއްވީ ވަރަށް ދެރަކޮށް ކަމަށާއި މުވައްޒަފުންގެ މުސާރަ ކުޑަކޮށް ވަރަށް ދެރަކޮށް ކަންތައް ކޮށްފައިވާ އެހެންނަމަވެސް ޕެންޑަމިކްގެ ތެރޭގައި ރިސޯޓުތައް ކަރަންޓީނަށް ދޫކޮށްގެން ސަރުކާރުން ފައިސާ ނަންގަވަމުން ގެންދެވި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި މިކަންކަން ކުރެއްވީ ގާސިމް ފޮނުވި ޓޫރިޒަމް މިނިސްޓަރަކު ބަހައްޓައިގެން ކަމަށާއި މިހާރުވެސް އެހެރީ ގާސިމް ފޮނުވާފައިވާ ޓޫރިޒަމް މިނިސްޓަރެއްކަން އަދުރޭ ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީނަކީ ބޭނުންފުޅުހާ ކަމެއް ކުރައްވަން އެއްވެސް މީހަކަށް ފުރުސަތު ދޭނެ މީހެއް ނޫން ކަމަށާއި ފެންފުށީ ފަޅު ބޭނުންވެގެން އުޅޭނަމަ ރައީސް ސާލިހަށް ދަންނަވައިގެން ހަމަޖެއްސޭނެ ކަމަށް ވެސް ވިދާޅުވި އެވެ.