މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމުން ޖޯން ގްރިންޑާލް ވަކިކުރި ކަމަށް ދެކެވޭ ވާހަކަތައް އެ އޮފީހުން ދޮގުކޮށްފި އެވެ.
އޭނާ ވަކިކޮށްފައިވަނީ ޖިންސީ މައްސަލައެއްގައި ކަމަށް ބުނެ ސޯޝަލް މިޑިއާގައި ދަނީ ހަބަރުތަކެއް ދައުރުވަމުންނެވެ. އަދި ބައެއް މީޑިއާތަކުގައި ވެސް އޭނާ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ވަކި ކުރި ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ޕެންޝަން އޮފީހުން ބުނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ވަޒީފާއިން ވަކިކުރިކަމަށް ދެކެވެމުންދާ ވާހަކައަކީ ޙަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
އަދި އެ އޮފީހުގެ ސީއީއޯއާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް މިހާތަނަށް ހުށަހެޅިފައި ނުވާ ކަމަށް އެއޮފީހުން ބުނެ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ޖޯން އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ޔޫކޭއަށް ނިސްބަތްވާ ޖޯން އަކީ އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެއް ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.
އޭގެ އިތުރުން އޭނާ ވަނީ މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު ވެސް ފުރުއްވާފައެވެ.