އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު މި ސަރުކާރުން އިންޑިއާގެ އެހީގައި ވަގަށް ނެގިކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތު ކުރައްވައިފި އެވެ.

އަބުދުއްރަހީމް މިގޮތަށް ތުހުމަތު ކުރެއްވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ރޭ ބޭއްވި "އައްޑަނަ" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ މިނިވަން އުފާވެރި ހަދި ހަމަނުޖެހުމެއް ނެތް، އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން އައި ރާއްޖެ އެއް ކަމަށެވެ. އަދި މި ގައުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ދަނިކޮށް ސުލްހަވެރިކަން ނަގާލައި، ރާއްޖެ އަޅުވެތިކުރަން ބޭނުންވާ ބަޔަކު ތިމަންނަމެން ބާރު ގަދަ ކުރުމަށް ބޭނުންވާ ބަޔަކާއިއެކު ރާއްޖޭގެ ވެރިކަން ބަދަލުކުރީ ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ.

ރާއްޖެ އަޅުވެތިކުރަން ބޭނުންވާ ބަޔަކު އިންޑިއާއާ ގުޅިގެން ރާއްޖޭގެ ވެރިކަން ވަގަށް ނަގާފައިވާ ކަމަށް އަބްދުއްރަހީމް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

"އަވައްޓެރި އިންޑިއާގެ އެހީ އާއިއެކު، 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ވަގަށް ނަގައިފި. މިއީ ދުނިޔޭގައި އަލަށް ހިނގި ކަމެއް ނޫން. އަމިއްލަ ފައި މައްޗަށް ތެދުވާ ގައުމުތަކުގެ ވެރިކަން ފުރޮޅާލަން މަސައްކަތް ކުރުމަކީ އާއްމު ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއެކު އޮންނަ ގުޅުމާމެދުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިންޑިއާގެ އަމަލުތަކަކީ ދިވެހިން ދުވަހަކު ވެސް އެ ގައުމުގެ ފަރާތުން އެދުނު މަންޒަރެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ތިބުމަކީ ދިވެހިން ބޭނުންވާ ކަމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ހާޒިރުވި ސަޕޯޓަރުން ތަރުހީބުދެނީ ފޮޓޯ: ޕީޕީއެމް

"މިއަދު ބްރިޖް އެޅުމުގެ ނަމުގައި މަގު ހެދުމުގައި ނަމުގައި އެ އަންނަ މީހުންނަކީ މާދަމާ ދިވެހި ރައްޔިތުން ގޯތި ގެދޮރުން ނެރެ، ބޭރު ކުރާނެ މީހުން. އެ މީހުންނަކީ އަޅުގަނޑުމެންގެ މިނިވަންކަން ނަގާލާނެ މީހުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސަލާމަތާބެހޭ ކަންކަން ރާއްޖެއަށް ބެލެހެއްޓޭނެ ކަމަށާއި އިންޑިއާގެ ސިފައިންނާއި ހެލިކޮޕްޓަރާއި މަތިންދާބޯޓުތައް ރާއްޖެއަށް ބޭނުންނުވާ ކަމަށެވެ. އަދި އިންޑިއާއާ ދެމެދު ހަދާފައިވާ ސިއްރު އެގްރިމެންޓްތައް އުވާލައި، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އޭނާ ގޮވާލެއްވި އެވެ.