ބޮލީވުޑްގެ އަރަމުންއަންނަ ތަރި ސާރާ އަލީ ޚާން ޗުއްޓީއަށް އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.
މިފަހަރު ސާރާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައި ވަނީ އޭނާގެ މަންމަ އަމްރިތާ ސިންހް އާއެކު އެވެ.
ސާރާ އިއްޔެ ހެނދުނު ރާއްޖެ އައިސްފައިވާއިރު، އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގެ ބޭރުގައި މަޑުކޮށްގެން ހުރި ވަގުތު އެއީ ކާކު ކަމެއް އެތަނުގައި ތިބި މީހުންނަށް އެނގިފައެއްނުވެ އެވެ. ސަބަބަކީ ސާރާ އެވަގުތު ހުރީ އެއީ ކާކުކަން ނޭގޭ ގޮތަށް މޫނު ނިވައިކޮށްގެން ހުރުމުންނެވެ.
ސާރާ ފުރަތަމަ އެއާޕޯޓުން ނިކުމެފައި ވަނީ ފޮށިތައް ނުލައި ކަމަށާއި ފޮށިތައް ހިފައިގެން އައި އޭނާގެ މަންމަ އަމްރިތާ ސިންހް ކަމަށް އެއާޕޯޓްގައި ހަރަކާތެރިވާ ރެޕަކު ބުންޏެވެ.
"ހުރިހާ" އަށް ލިބިފައިވާ ފޮޓޯތަކުން ވެސް މާސްކް އަޅައި ބޮލުގައި ސްކާފެއް އޮޅާފައި ހުރުމުން ސާރާ ވަކިކުރާކަން ނޭނގެވެ.
ރާއްޖެ އައުމުގެ ކުރިން ވެސް މުމްބާއީ އެއާޕޯޓުން ވެސް ސާރާ ވަކިކުރަން ނޭނގުމުން އެއާޕޯޓްގައި ހަރަކާތެރިވާ އޮފިޝަލުން ވެސް ވަނީ އޭނާ އާ ސުވާލުކޮށްފަ އެވެ. އެ ސުވާލުތަކަށް މަޑުމައިތިރިކަމާއެކު ސާރާ ޖަވާބު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސާރާ އެނާއަކީ ކާކުކަން ހާމަކޮށްދިން ވީޑިއޯއެއް ވެސް އިންޑިއާގެ މީޑިއާތަކުން ވަނީ އާންމުކޮށްފަ އެވެ.
މިފަހަރު ސާރާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސާރާ އޭނާގެ މަންމަ އާއެކު ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާއިރު ސާރާގެ ބައްޕަ ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ހާން އާއި އޭނާގެ އަންހެނުން މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ވެސް ވަނީ މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
މީގެ ކުރިން ވެސް އެތައް ފަހަރަކު އެކަނި އަދި އާއިލާ އާއެކު ސާރާ ރާއްޖެ އައިސްފައިވެ އެވެ. އެގޮތުން އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ހާން އާއެކު ވެސް ޗުއްޓީއަށް ރާއްޖެ އައިސްފައިވެ އެވެ.
އެންމެ ފަހުން ސާރާ ފެނިގެން ދިޔައީ މިދިޔަ މަހު 25 ވަނަ ދުވަހު ރިލީޒް ކުރި “ކޫލީ ނަމްބަރު 1” އިންނެވެ. އޭނާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރާއި އެކު ފެނިގެންދާ "އަތްރަންގީ ރޭ" ހިމެނެ އެވެ.
ސާރާ ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ވިކީ ކައުޝާލް އާއެކު އޭނާ ފެންނަ ފުރަތަމަ ފިލްމު "އަޝްވައްތަމާ" ގެ އެވެ.