ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހ. ގުރުވަ، އަހްމަދު އާހިދު ރަޝީދު މިއަދު އައްޔަނުކުރައްވައިފި އެވެ.

މި މަގާމަށް އާހިދު އައްޔަނުކުރައްވާފައި ވަނީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

އާހިދު އެންމެ ފަހުން ފުރުއްވާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަނަންސް މެނޭޖަރުގެ މަގާމެވެ.

އާހިދު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ލީގަލް އެޑވައިޒަރުގެ މަގާމާއި، ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. މީގެ އިތުރުން ވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރުގެ މަގާމާއި، މޯލްޑިވްސް ވޮލަންޓިއާސް ކޯޕްސްގެ ސީއީއޯގެ މަގާމު ވެސް އާހިދު ވަނީ ފުރުއްވާފަ އެވެ.

އާހިދަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔާ ޔުނިވަސިޓީއިން ބެޗެލާ އޮފް ލޯ ވިތް އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައަލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ނޫހެއް ހިންގެވުމަށް މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ.