އިންސާފު ހޯދަން އައި ސަރުކާރުން އިންސާފުގެ ބަދަލުގައި ރައްޔިތުންނަށް ދެނީ އަނިޔާކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި، ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޣައްސާން ވިދާޅުވީ ވެރިކަމުގެ ދަހިވެތި ކަމުގައި ދުވަސްތަކެއް ކުރިން ގައުމާއި ރައްޔިތުންނަށް ކޮންމެފަދަ ގޮތެއްވިޔަސް ހެޔޮކަމަށް މަސައްކަތް ކުރަން ފެށި ބަޔަކު އެ މީހުން މަސައްކަތް ކުރަމުންއައި ވައްޓަފާޅި ބަދަލުކޮށްލުމަށްފަހު އަމާޒުކުރީ މީހުންގެ ސިކުނޑިއާ ކުޅެލުމަށް ކަމަށެވެ. އަދި އެ މީހުން "އިންސާފު" މިބަސް ރައްޔިތުންނަށް ވިއްކައިގެން ވެރިކަމަށް އައިސް އަމަލު ކުރަނީ އޭގެ އިދިކޮޅަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންސާފަކީ އަނިޔާގެ އިދިކޮޅު. ކަންކަން ކުރުމުގައި ބަހައްޓަންވީ ގޮތް. އަދުލު. ފަނޑިޔާރުން ވަގަށް ނަގާ ކޯޓުތަކުގައި ތަޅުއެޅުވުން އެއީ އިންސާފުތޯ؟ އިސްލާމްދީނަށް ގޮންޖަހާ ދިވެހި ގައުމުގެ އެކިތަންތާ ބުދު ބެހެއްޓުންއެއީ އިންސާފުތޯ؟ ޔާމީން ރަޝީދާއި ރިޟްވާންގެ މައްސަލަ އެންމެ ދުވަހަކުން ހައްލު ކުރާނަމޭ ބުނެ ދޮގުހަދައިގެން ވެރިކަމަށް އައިސް ތިން އަހަރާ ކައިރިވާންދާއިރު އަޅާނުލާ ތިބުމަކީ އިންސާފުތޯ؟" ޣައްސާން ސުވާލުކުރެއްވި އެވެ.

ދިވެހި އިގްތިސާދު ނަގާ ކޮއްޅަށްޖަހާ ރައްޔިތުންނަށް ޑޮލަރުން ފައިސާ ލިބޭނެއޭބުނެ ގޭ ކުރިމަތީ ފެކްޓްރީތައް އަޅާނަމޭ ބުނެގެން އޮޅުވާލައިގެން އައިސް ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ ބަނޑުފުރާނަ މުއްތިކުރެވޭނެ މިންވަރު ނެތް އިރު އަޅާނުލާ ތިބުމަކީ އިންސާފުނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތަން، މިނިވަންކަން ހިމާޔަތްކުރަން ހުވާކޮށްގެން ހުރެ އެމްޑީއެންގެ މީހުންނަށް މަތީ ވަޒީފާ ދީގެންހުރެ ގައުމު ފޮތިފޮތިކޮށް، އެހެން ގައުމަކަށް ހިބަކޮށްދިނުން އެއީވެސް އިންސާފު ނޫން ކަމަށާއި ނިމިފައި އޮތް މައްސަލައެއް އަނެއްކާ ހިލުވާލައިގެން ދޮގުވާހަކަތަކެއް ދައްކައިގެން ދޮގު އިލްޒާމްތަކެއް އަޅުވައިގެން ދޮގު ތުހުމަތުތަކެއްގެ މަތީގައި ޝަރީއަތަށް ފޮނުވައިގެން ޝަރީއަތުގެ ތެރެއަށް އެކިފާޑުގެ ނުފޫޒު ފޯރުވައިގެން، ބިރުވެރިކަމާއި މަގާމުގެ ކުރިއެރުމުގެ ފޮނިކަމުގެ ނުފޫޒު ފޯރުވައިގެން ރައީސް ޔާމީނަށް ދެމުންދާ އަނިޔާއަކީ އިންސާފު ނޫން ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ގައުމަށް ވަފާތެރި ދީން ހިމާޔަތްކުރައްވާ ދިވެހިރާއްޖޭގެ މިނިވަންކަން ނަގަހައްޓަވާ ރައްޔިތުންނާއެކު މަސައްކަތްކުރައްވާ ހިތްވަރުގަދަ ލީޑަރެއް ޒުވާނުންގެ ބަހުރުވައިން ނަމަ ގަޓު ރައީސެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ބަލާލި ކޮންމެ ދިމާއަކުން މިފެންނަނީ ނާއުއްމީދުވެ، އިގްތިސާދު ފުނޑުފުނޑުވެ،އެތައް ހާސް ރައްޔިތުންގެ ވަޒީފާ ގެއްލި ދުވަހުންދުވަހަށް ޚަރަދު ދެކޮޅު ނުޖެހިގެން ބިކަވެގްނަ އުޅޭތަން ކަމަށެވެ. ފެންނަމުންދަނީ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގްލާލު ނަގާލުމުގެ މަސައްކަތް ވެރިކަމުގެ ފަރާތުން ކުރަމުންދާތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމްދީނަށް ގޮންޖަހާ ބަޔަކަށް ޖާގަދީގެން މަސައްކަތް ކުރަމުންދާތަން ފެންނަމުންދާ ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.