ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެތިބިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އަދި އެމަނިކުފާނާ އޭގެ މީހަކާ ދިމާވެފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

"އަޅުގަނޑަށް ފެނިގެން އެކަހަލަ ލިސްޓެއް ވެސް ނެތް. އަޑުއަހަން އެކި ބޭބޭފުޅުން ދައްކަވާ ވާހަކަ ތިމަންނަމެންގެ ވެރިކަމެއްގައި އިންޑިއާ ސިފައިން ނުތިބޭނެއޭ. އަޅުގަނޑަކަށް ނޭނގޭ އޭގެ ހަގީގަތެއް. އެއްވެސް ގައުމެއްގެ މިލިޓަރީ ބަޔަކު ތަމްރީންއެއް ދޭން ފިޔަވާ އެއްމަސް ނުވަތަ ދެމަސް ދުވަހަށް ވުރެ ގިނަ ދުވަހު މިތާ ތިބުމަކީ އަޅުގަނޑުމެން ދެކޮޅު ކަމެއް،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެގޮތަށް ރައީސް ސާލިހު އަމަލު ކުރައްވަންޖެހޭ އެއްވެސް މަޖުބޫރީ ހާލަތެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައިވެސް އިންޑިއާ އާއި ޗައިނާއާއި ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަ ދެއްކި ކަމަށާއި މިހާރުވެސް އެކަހަލަ ވާހަކަ ދައްކަމުންދާ ކަމަށެވެ.

ނޫސްވެރިން އިންޑިޔާ ސިފައިންނާ ގުޅޭގޮތުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބުދެމުން ގާސިމް ތަކުރާރުކޮށް ވިދާޅުވީ މިލިޓަރީ ސިފައިން ތިބިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ނުދަން އައްޑުއަކަށް ވެސް އަދި ހަނިމާދޫއަކަށް ވެސް. އަޅުގަނޑުގެ ލޮލަކަށް ނުދެކެން ތިއިން ތަނެއް ވެސް ތީގެ މީހަކު ވެސް. ދެން އަޅުގަނޑު ކިހިނެއްތޯ ހަދަންވީ މަގުމައްޗަށް ނުކުމެ ތެޅިގަންނަންވީ؟ ބަޔަކު މަގުމައްޗަށް ނުކުމެ އަދި ކޮންމެ އެއްޗެއް ކީމައި އަޅުގަނޑުމެން އަދި ނުކުމެ ތެޅި ބާލަންވީތޯ؟" ގާސިމް ސުވާލުކުރެއްވި އެވެ.

ނޫސްވެރިން އިންޑިއާ ސިފައިން ޜާއްޖޭގައި ތިބުމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ގާސިމް ކޯފާ އިސްކުރައްވާ ވިދާޅުވީ ސުވާލުތައް ސެޓްކޮށްގެން އައިސް އަދި ތިހެން ސުވާލުކުރިޔަކަސް "ގުއިރޯނުގައި" ނުޖެހޭނެ ކަމަށެވެ. އަދި ތިކަމާ ދެން ތިމަންނަ ބުންނަންވީ ކީކޭތޯ އައްސަވާ ވިދާޅުވީ އެއްވެސް ގައުމެއްގެ މިލިޓަރީ ސިފައިން ގައުމުގައި ތިބުމަކީ ގަބޫލު ކަމެއް ނޫންކަމަށާއި އެގޮތަށް ބުނުމުން ރަނަގޅުތޯ ނޫސްވެރިންނާ ސުވާލުކުރައްވާފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ސުވާލުކުރުމުން ގާސިމް ވަނީ "ޕާސަނަލް" ސުވާލަށް ޖަބާވު ނުދޭނެ ކަމަށް ވިދާޅުވެ ނޫސްވެރިންނަށް ރައްދުދީފަ އެވެ.