މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓްގެ މުސާރައާއި އިނާޔަތްތަކު ތަފްސީލު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެމްސީއެލްއަށް މިގޮތަށް އަންގާފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން އެ މައުލޫމާތު ހޯދަން އެދި ހުށަހަޅައިގެން، އެ މައުލޫމާތު ނުދިނުމުން، އޭނާ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުންނެވެ.

މިމައްސަލައާއި ގުޅިގެން ބޭއްވި އަޑު އެހުމުގައި އެމްއޭސީއެލްއިން ބުނެފައި ވަނީ ގާނޫނުގައި ބުނާފަދަ ދައުލަތުގެ އިދާރާއެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ކުންފުނީގެ އެފަދަ މައުލޫމާތުތަކަކީ އާންމު ފަރުދުންނަށް ހިއްސާކުރާ މައުލޫމާތުތަކެއް ނޫން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މިގޮތަށް އެމްއޭސީއެލްއިން ފާހަގަ ކުރެއްވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައި ވަނީ ސަރުކާރު ކުންފުނިތަކަކީ ދައުލަތުގެ އިދާރާތަކުގެ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައެޅިފައިވާ ކަނޑައެޅުން ބާތިލު ކުރަން ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުން ވަނީ ދައުލަތުގެ ކުންފުނިތަކަކީ ދައުލަތުގެ އިދާރާތަކުގެ ގޮތުގައި ބެލޭނެ ކަމަށް ކަނޑައަޅާފައި ކަމަށެވެ.

ހައިކޯޓުން އެގޮތަށް ކަނޑައަޅާފައިވާއިރު ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ކޮންމެ މީހަކަށް ހޯދިގެންދާއިރު ،އެ މައުލޫމާތު ހޯދަން އެދޭ ސަބަބުން އަހައިގެން ނުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ހޯދަން އެދިފައިވާ މައުލޫމާތަކީ، ގާނޫނުގައި ބުނާ އިސްތިސްނާ މައުލޫމާތަށް ނުވާ ކަމަށާއި، އެހެން ކަމުން ހަތް ދުވަސް ތެރޭގައި އެ މައުލޫމާތު، އެ ހޯދަން އެދުނު ފަރާތަށް ދިނުމަށް އަންގާ ކަމަށް ވެސް ނިންމުމުގައި ބުނެފައިވެ އެވެ.

އެމްއޭސީއެލްއަށް އަދިވެސް އެ މައުލޫމާތު ހާމަނުކޮށް، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެކަން ފާހަގަކުރެވެ އެވެ.