ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް ސެކިއުރިޓީ ދިނުމަށް އަންގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް އޭނާ މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން ސެކިއުރިޓީ ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން މެމްބަރަކު ސެކިއުރިޓީ އެދިއްޖެ ހާލަތެއްގައި ސިފައިންގެ ސެކިއުރިޓީ އެ މެންބަރުންނަށް އަރުވަން ޖެހެ އެވެ.
ޖާބިރަށް ސެކިއުރިޓީ ދޭން އެދިފައި މިވަނީ އޭނާ އއ. މަތިވެރިއަށް ވަޑައިގަތުމުން ބަޔަކު ހަމަލާދީފައި ވަނިކޮށެވެ. އެ މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއަކީ ޖާބިރުގެ ވިޔަފާރިއެއް ކަމުން އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވަ އެވެ.
މިމަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންނެވީ ގެސްޓްހައުސް ބައްލަވައިލެއްވުމަށެވެ. ނަމަވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ނިކުމެ ޖާބިރާ ދެކޮޅަށް ވަނީ އަޑުއުފުލާފަ އެވެ. އަދި ޖާބިރު އެ ރަށުން ފޭބުމަށް ގޮވާލާ އިހުތިޖާޖު ކޮށްފައިވެ އެވެ. ހަމަނުޖެހުގެ ތެރެއިން ބަޔަކު ވަނީ ޖާބިރަށް ހަމަލާ ވެސް ދީފަ އެވެ.
މިމައްސަލައާ ގުޅިގެން އިއްޔެގެ މަޖިލީހުގައި ޖާބިރު ވަނީ މަތިވެރިން އޭނާއަށް ހަމަލާދިނީ އައިއެސް އައިއެސްއަށް ނިސްބަތްވާ ބައެއްކަމަށް ތުހުމަތުކޮށްފަ އެވެ.