އަނިޔާވެރިކަން ވެރިއަކަށް ދެއްކޭނެ އެންމެ ފުޅާކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދަނީ ފާޅުކޮށް ދައްކަވަމުން ކަމަށް ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމު އަދާކުރައްވާ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އައި އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ސޯލިހް ކަމަށާއި، މީގެ ބޮޑު އެއް ހެއްކަކީ އެމްޑީޕީ ސަރުކާރަށް ވެރިކަން ބަދަލުވުމަށްފަހު މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ރާއްޖޭގައި ލާދީނީ އެތައް ކަމެއް ކުރެވެމުން ދިއުން ކަމަށެވެ.

މިގޮތުން އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށާއި، މުސްލިމުންގެ އަގީދާއަށް ހުރަސްއެޅޭފަދަ ކަންތައްތަކެއް ކުރެވިފައިވީ ނަމަވެސް، އެކަމާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ސައީދު ވަނީ ފާހަގަކުރައްވާފަ އެވެ.

"ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ސޯލިހު. ހަމަ ގައިމުވެސް މިކަމުގެ އެންމެ ސާފު ހެއްކަކަށް ވާނީ އިންޑިޔާ ކަނޑުގަ ވަރަށް ރީތި ގައުމެއްގައި މުސްލިމުންގެ ގޮތުގައި މިގައުމު އޮއްވާ މިވެރިކަން އައި ހިސާބުން ލާދީނީ ބޮކިތައް ޖަހަން ފަށައިފި. އެމްޑީއެންގެ ރިޕޯޓުގައި ސީދާ ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގީދާއަށް ޗެލެންޖް ކޮށް މުސްލިމުންގެ އުޅުން ހުތުރު ކަމަށްބުނެ އެތައް ބަސްތަކެއް ދީނާ ބެހޭގޮތުން ފެންމަތި ކުރީމާ މިގައުމުގެ ރައީސްއަކަށް ހުރި ބޭފުޅާއަށް ކެރިވަޑައެއް ނުގަތް އެބޭފުޅުންނަށް ފިޔަވަޅު އަޅާކަށް. މިއަށްވުރެ ބޮޑު އަނިޔާއެއް އިންސާނިއްޔަތަކަށް ދެވޭނެ ވެރިއަކު ނިކަން ދައްކަބަލަ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ސައީދު ވަނީ ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަމުން، ރައްޔިތުންނަށް މިއަދު ތަޖުރިބާ ކުރަން ޖެހިފައި ވަނީ އަނިޔާގެ ދަތުރެއް ކަމަށް ވިދާޅުވެފަ އެވެ.

ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ސޯލިހު. ހަމަ ގައިމުވެސް މިކަމުގެ އެންމެ ސާފު ހެއްކަކަށް ވާނީ އިންޑިޔާ ކަނޑުގަ ވަރަށް ރީތި ގައުމެއްގައި މުސްލިމުންގެ ގޮތުގައި މިގައުމު އޮއްވާ މިވެރިކަން އައި ހިސާބުން ލާދީނީ ބޮކިތައް ޖަހަން ފަށައިފި. އެމްޑީއެންގެ ރިޕޯޓުގައި ސީދާ ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގީދާއަށް ޗެލެންޖް ކޮށް މުސްލިމުންގެ އުޅުން ހުތުރު ކަމަށްބުނެ އެތައް ބަސްތަކެއް ދީނާ ބެހޭގޮތުން ފެންމަތި ކުރީމާ މިގައުމުގެ ރައީސްއަކަށް ހުރި ބޭފުޅާއަށް ކެރިވަޑައެއް ނުގަތް އެބޭފުޅުންނަށް ފިޔަވަޅު އަޅާކަށް. މިއަށްވުރެ ބޮޑު އަނިޔާއެއް އިންސާނިއްޔަތަކަށް ދެވޭނެ ވެރިއަކު ނިކަން ދައްކަބަލަ،
ސައީދު

މިގޮތުން ނިމިދިޔަ ސަރުކާރުގައި އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ދެއްކެވީ އިންސާފުގެ ވާހަކަތައް ކަމުގައި ސައީދު ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދު ރާއްޖޭގެ ހާލަތު ތަފާތު ކަމަށް ގަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވައި ސައީދު ވަނީ މިއަދު ތަހައްމަލްކުރަން ޖެހެނީ އަނިޔާވެރި ދަތުރު ނޫން ކޮންއެއްޗެއްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި މިއަދު ރާއްޖެވަނީ އަޅުވެތިކަމެއްގައި ކަމަށާއި، ދިވެހިންގެ އެތައް ހަގުތަކެއް ބޭރުގެ އެހެން ބަޔަކަށް ދޫކޮށްލައިފި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެހެންމެ ނިމިދިޔަ ސަރުކާރުން ކުރީގެ ރައީސްގެ ޒައާމަތުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ރާއްޖެއަށް ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ކުރިއަރުވާފައިކަމަށާއި، އެމަނިކުފާނު މިނިވަންކުރުމަށް މިއަދު ދިވެހި ރައްޔިތުން މަސައްކަތްކުރަންޖެހޭކަމަށް ސައީދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސް ޔާމީން ޖަލަށްލައި، އެ ޕާޓީގެ ހުރިހާ ފައިސާއެއްގައި ތަޅުއެޅުވުމުގެ ނަތީޖާއަކަށްވީ، އެމްޑީޕީއަށް 65 ގޮނޑި ހޯދުމަށް، ބޭރުގެ ބަޔަކާއި އެކުވެގެން ކުރި މަސައްކަތުގެ ސަބަބުން ގައުމުގެ ބެލެންސް ގެއްލިގެން ދިއުން ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ވަގަށް ނެގީކީ ހަމައެކަނި ވެރިކަމެއް ނޫން ކަމަށާއި، ރާއްޖޭގެ ބެލެންސް ވެސް ވަގަށް ނަގާފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.