ފަލަވާކަށް ބޭނުމެއް ނުވެ އެވެ. އެހެންނަމަވެސް ހަކުރު ލީ އެއްޗެއް ކާ ނުލައި ދުވަސް ފުރިހަމައެއް ނުވެ އެވެ. މިއީ ގިނަ ބައެއްގެ ހާލަތެވެ. ހަކުރުލީ ކާއެއްޗެއްސަކީ ހަށިގަނޑަށް ގެއްލުންހުރި އެއްޗެއްކަން އެނގޭ އިރު ވެސް އެތަކެއްޗާ ދުރުވުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. އެހެން ކަމަށް ވާނަމަ މިކަންކަމަށް ސަމާލު ވާށެވެ.

ޕްރޮޓީން ގިނަ ކާނާ ގިނައިން ބޭނުންކުރާށެވެ. ޑައިޓް ކުރާ މީހުން ވެސް އެންމެ ގިނައިން ބޭނުންކުރާ މާއްދާއަކީ ޕްރޮޓީން އެވެ. އެއީ ޕްރޮޓީން ގިނަ ކާނާ ބޭނުންކުރުމުގެ ސަބަބުން ބަނޑުހައިނުވެ ގިނައިރު ހުރުމަށް އެހީ ވެދޭތީ އެވެ. ހަކުރު ލީ ތަކެތީގެ ބަދަލުގައި ބިސް، ބީންސް، ޔޯގަޓް ފަދަ ތަކެތި ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދެ އެވެ. އަދި ފޮނި އެއްޗެހި ކެއުމުން ދުރުކޮށްދެ އެވެ.

ލުނބޯ، އޮރެންޖު ފަދަ ހުތް ކާނާ އަކީ ވެސް ފޮނި އެއްޗެހި ކެއުމުން މަދު ކުރަން ރަނގަޅު ހަތިޔާރެކެވެ. ހުތް ކާނާގައި ގިނަ އަދަދަކަށް ޕުރޮބައިއޯޓިކްސް ނުވަތަ އޯގާނިކް އެސިޑް ހިމެނުމުގެ ސަބަބުން ރަނގަޅު ބެކްޓީރިއާ އުފެދުމަށް އެހީވެދެ އެވެ. ނަތީޖާއަކަށް ވަނީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދީ ހަށިގަނޑުގެ ދުޅަހެޔޮކަށް އިތުރުކޮށް ދިނުމެވެ.

ކުޅި އެއްޗެހި ކެއުމަކީ ފޮނި ތަކެތި މަތިން ފޫހިކޮށްލާ ކަމެކެވެ. ކުޅި ކާނާއޭ ބުނުމުން ކާންވީ މިރުހެއް ނޫނެވެ. ބޭނުންކުރަންވީ ހާރބްސް ނުވަތަ އަހަރުމެން ދަންނަ ގޮތުންނަމަ މަސާލާ ތަކެވެ. އެއީ ކާއެއްޗެހި ތައްޔާރު ކުރަން ބޭނުންކުރާ އިނގުރު، ރީދޫ ފަދަ ރަހަ މީރު ކުރަން އަޅާ ތަކެއްޗެވެ. އެފަދަ ތަކެތި ބޭނުންކޮށްގެން މީރު ސައެއް ނުވަތަ ކިރު ތައްޓެއް ތައްޔާރު ކޮށްލާށެވެ. ފޮނި ކާ އެއްޗެހިން ދުރުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ގިނަ ފައިދާތަކެއް މި ބާވަތްތަކުން ލިބޭނެ އެވެ.

ފޮނި ތަކެތި ވެސް ކާންވާނެ އެވެ. އެކަމަކު ހުންނަން ވާނީ ވަކި މިންގަޑެއްގައި ކަން ދެނެގަނެ އެކަން ކޮންޓްރޯލް ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގެ ސިއްރެވެ.