ހަނދާން ހުންނަން ފެށީއްސުރެ ބައްޕަ އިންނަވަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އަތުގައި ފޮތެއް ނުވަތަ ގަނޑެއް ނޯންނަ ވަގުތެއް މަދުވާނެ އެވެ. ގެއަށް އަންނަ މެހެމާނުންނާއެކު ފޯރިއާއެކު މާޒީގެ ވާހަކަ ދައްކަވާތީ އަޑު އަހަމެވެ. ފުރޮޅުލީ ގޮނޑިއެއްގައި ދުވަސްތައް ގުނަމުން ދިޔަ ނަމަވެސް މޫނު މަތިން އުޖާލާކަން ނޫނީ ނުފެނެ އެވެ. ބައްދަލުވާ ކޮންމެ މީހަކާ ވެސް ބައްދަލު ކުރައްވަނީ ހިނިތުންވުމަކާ އެކުގަ އެވެ.

ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވާފައިވާ އަދި ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމުގެ އުދަރެހުގައި ފާހަގަ ކޮށްލެވޭ ބޭފުޅެއް ކަމަށްވާ އަލްމަރްޙޫމް އަބްދުއް ރަޙީމް އަބްދުލް މަޖީދު، އަޅުގަނޑު ދަންނަނީ ބައްޕައެއްގެ ގޮތުގަ އެވެ. ހިތްވަރާއި ހިތްތިރިކަމުގެ އެފަދަ ދެވަނައެއް ނެތް ޝަހްސިއްޔަތެއްގެ ގޮތުގަ އެވެ.

ވާތުން 3 ވަނައަށް: އަލްމަރްޙޫމް ޢަބްދުލް ރަޙީމް ޢަބްދުލް މަޖީދު

މީގެ 12 އަހަރު ކުރިއަށް ބަލާލާއިރު އަޅުގަނޑުގެ އުމުރަކީ ބާރަވަރަކަށް އަހަރެވެ. ދުނިޔޭގެ އޮޅުން ބޮޅުން ސިކުނޑިއަށް މޭރުން ނުވާ އެ އުމުރުގައި ވެސް ބައްޕަގެ ވާހަކަތައް އަޑުއަހަން ޝައުގުވެރިކަމާއެކު އިންނަމެވެ. ދުނިޔޭގެ މަޝްރަހާއި ރާއްޖޭގެ މަޝްރަހުގެ އެންމެ ފަހުގެ ޚަބަރުތައް ބައްލަވައި އެކަންކަމާ މެދު ވިސްނާ ފިކުރު ކުރައްވަ އެވެ. އެކަންކަން އެންމެ ގާތް ރަހުމަތްތަރިންނާާއެކު ހިއްސާ ކުރައްވަ އެވެ.

ރާއްޖެއާއި ދުނިޔޭގެ ކަންކަމުގައި ބައްޕަ ގެންގުޅުއްވި ފަލްސަފާތަކަކީ ތަފާތު ފަލްސަފާތަކެކެވެ. މިއަދުގެ ދުނިޔޭގެ ކަންކަން ބެއްލެވުމުގައި އިސްލާމީ ނަޒަރަކުން އެކަންކަން ބެއްލެވި އެވެ. ސިޔާސީ ކަންކަމާއި ދީނުގެ ކަންކަން މަސްހުނި ނުކޮށް ފިކުރު ހިންގެވުމަށް ސަމާލުުކަން ދެއްވި އެވެ. އޭރު ބައްޕަ ވިދާޅުވި ބައެއް ބަސްތަކާއި ދިވެހިރާއްޖޭގެ މުސްތަގްބަލާ މެދު ލަފާކުރެއްވި ލަފާ ކުރެއްވުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގެ ހަގީގަތްކަން އަޅުގަނޑަށް ފާހަގަ ކުރެވެނީ ބޭއިޚްތިޔާރުގަ އެވެ.

ދުވަހުގެ އެންމެ ހިނދުކޮޅެއް ވެސް ކަމެއް ނެތި ބައްޕަ އިންނަވާ ތަނެއް ނުދެކެމެވެ. އަރަބި އަދި އުރުދޫ ފޮތްތައް ތަރުޖަމާކުރެއްވުމުގެ މަސައްކަތްތައް ރޭގަނޑު ދަންވަންދެން ކުރިއަށް ގެންދަވާއިރު ވެސް ވަރުބަލިކަމުގެ އަސަރެއް ބައްޕަގެ މޫނުމަތިން ނުފެނެ އެވެ. އެހެނެއްކަމަކު ދަންވާހެން މަސައްކަތުގެ ޖޯޝް އިތުރުވާހެން ހީވެ އެވެ. ބައްޕަ ތަރުޖަމާ ކުރައްވާ ވަރަކަށް މަންމަ ކޮމްޕިއުޓަރުން ލިޔުއްވާއިރު އަޅުގަނޑަށް ސިފަވީ އެކުގައި މަސައްކަތް ކުރުމުގެ މުހިއްމު ކަމެވެ.

އަލްމަރްޙޫމް ޢަބްދުލް ރަޙީމް ޢަބްދުލް މަޖީދުގެ "ދައްޖާލަކީ ހަގީގަތެކެވެ.. ޚިޔާލެއް ނޫނެވެ." ފޮތް

"ނަބީބޭކަލުންގެ ވާހަކަ ކުޑަ ކުދިންނަށްޓަކައި" އަދި "ދައްޖާލަކީ ހަގީގަތެކެވެ. ހިޔާލެއް ނޫނެވެ." ފަދަ ފޮތްތަކަކީ ބައްޕަގެ ތަރުޖަމާގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެވެ. ބުކްޝޮޕްތަކުގެ ހަރުތަކުން މިއަދުވެސް އަޅުގަނޑަށް ފެންނަ މުސްތަގްބަލަށް ބައްޕަ ދޫކުރެއްވި އިސްލާމީ އިލްމުގެ ހަޒާނާތަކެވެ.

ބައްޕަގެ ދިރިއުޅުމަށް ބަލާލާއިރު އަޅުގަނޑަށް ފެންނަން އޮތީ ތަފާތު ގިނަ ދާއިރާތަކުން ބައްޕަގެ ހިދުމަތްތަކެވެ. ދިވެހި ސަރުކާރަށް ކޮށްދެއްވި ހިދުމަތްތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ސިއްރު ކާތިބެއްގެ ގޮތުގައި ހުންނެވި އެވެ. އޭގެ ފަހުން އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި ރާއްޖޭގެ ހަތަރު އަތޮޅެއްގެ އަތޮޅުވެރިކަން ކުރެއްވި އެވެ.

މަދަރުސަތުލް އާލިއާ ބައެއް މުދައްރިސުންނާއެކު އަލްމަރްޙޫމް އަބްދުލް ރަހީމް އަބްދުލް މަޖީދު

ދިވެހިރާއްޖޭގެ ތައުލީމަށް ބައްޕަ ކޮށްދެއްވި ހިދުމަތްތަކަކީ ފާހަގަކޮށްލެވޭ ހިދުމަތްތަކެކެވެ. މަދަރްސަތުލް އާލިއާ އާއި މަދަރްސަތުލް ސަނިއްޔާ ފަދަ ދިވެހި ރާއްޖޭގެ ތައުލީމުގެ ބިންގާގެ ގޮތުގައި ބެލެވޭ މަދަރުސާތަކުގައި މުދައްރިސެއްގެ ގޮތުގައި ހަރަކާތްތެރިވި އެވެ. ދިވެހި ދައުލަތުގެ ހިދުމަތުން މުސްކުޅި ކުރައްވަންދެން ވެސް ހުންނެވީ ރާއްޖޭގެ ނުރަސްމީ ތައުލީމުދޭ މަރުކަޒުގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ ގޮތުގަ އެވެ.

ނޫސްވެރިކަމުގެ ދާއިރާއިން ވެސް ބައްޕަގެ ނަމަކީ އަލިގަދަ ނަމެކެވެ. ރާއްޖޭގައި އެ ދުވަސްވަރު ނެރެމުން ދިޔަ "އާފަތިސް" ދުވަހު ނޫހާއި "ދަރުމަ" މަޖައްލާގައި ލިޔުންތެރިއެއްގެ ގޮތުގައި އާލާސްކަންފުޅުގައި ވެސް ވަރަށް ފަހަކާ ޖެހެންދެން މަސައްކަތް ކުރެއްވި އެވެ. މި ހިދުމަތްތައް ފާހަގަކޮށް ދިވެހި ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުނު ރަންޔޫބީލްގައި އޭރުގެ ރައީސް އެރުއްވި ރަން ގަލަން ކޮޅު ހާސިލް ކުރެއްވި ބޭފުޅުންގެ ތެރޭގައި ބައްޕަ ހިމެނިގެން ދިޔަ އެވެ.

އަލްމަރްޙޫމް އަބްދުލް ރަހީމް އަބްދުލް މަޖީދު

މަތީގައި ދަންނަވާލެވުނީ ބައްޕަގެ ހަޔާތުގެ ވަރަށް މަދު ސަފްހާ އެކެވެ. އެއީ އަޅުގަނޑުގެ ޅަފަތުގެ ހަނދާނުގައި ހުރި އަދި އަޅުގަނޑަށް އެނގޭ މަދު ކަންކަމެވެ. އެހެން ނަމަވެސް ބައްޕަގެ ހިދުމަތްތަކަކީ އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ބެލޭނެ ހިދުމަތްތަކެއްކަން ޔަގީނެވެ. އެ ހިދުމަތްތަކަކީ މިފަދަ ލިޔުމެއްގައި މިގޮތަށް ގެނެސްދޭން ވެއްޖެނަމަ ލިޔުމުގެ ކޮޅު ނުފެންނާނެ ހިދުމަތްތަކަކަށް ވާނެތީ އަޅުގަނޑުގެ ހަނދާނަށް އެކަން ފައްތާލައި އެވާހަކަ ކުރުކޮށްލާނަމެވެ.

ބައްޕަގެ މިޒާޖަކީ ތަފާތު މިޒާޖެއްގެ ގޮތުގައި އެންމެ ކުޑައިރު ވެސް އަޅުގަނޑަށް ފާހަގަވި އެވެ. ބަސް މަދެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނާ ސަމާސާ ކުރައްވައި ހެއްދެވި އެވެ. މިއަދުވެސް އަޅުގަނޑާ ބައްދަލުވާ ބައްޕަގެ ރަހްމަތްތެރިން ބައްޕަ ސިފަ ކުރައްވަނީ މަޑުމޮޅި، ބަސްމަދު ސަކަ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގަ އެވެ. ރުޅިމަޑު، ހިތްތިރި ބޭފުޅެއްގެ ގޮތުގަ އެވެ. އެންމެ ހާސްވާ ދަނޑިވަޅުތަކުގައި ވެސް މަޑުމައިތިރިކަން އިސްކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ޅ. ނައިފަރު މަދަރްސަތުލް އިފްތިތާހްގެ ޖަލްސާއެއްގައި

ދިރިއުޅުމުގައި ދިމާވާ ކޮންމެ ހާލަތެއްގައި ވެސް ފަސްނުޖެހި ކުރިއަށްދާން އަޅުގަނޑަށް ހިތްވަރު ލިބުނީ ބައްޕަގެ ހަޔާތުންނެވެ. ދިގު މުއްދަތުގެ އާލާސްކަންފުޅެއްގައި އިންނެވި ނަމަވެސް ބައްޕަގެ ހިތްވަރަށް ކުޑަވެސް ބަދަލެއް އައިސްފައި ނުވުމަކީ އަޅުގަނޑުގެ ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

ބައްޕަގެ ފިޔަވަޅު މަތިން ފިޔަވަޅު އަޅައި، ނޫސްވެރިކަމުގެ ދުނިޔެއަށް މިއަދު އަޅުގަނޑު ވެސް ކުރިމަތި ލާއިރު އަޅުގަނޑުގެ އުއްމީދަކީ އަދި އަޒުމަކީ ވެސް ބައްޕަގެ ހަޔާތުން ފިލާވަޅު ލިބިގަނެ ނޫސްވެރިކަމުގައި ކުރިއަށް ދިއުމެވެ. ބައްޕަގެ ހިދުމަތްތަކާ ގާތް ނުކުރެވުނު ނަމަވެސް އެފަދަ ހިދުމަތްތަކެއް މުޖުތަމައުއަށް ދޫކުރުމެވެ.

ބައްޕަ އަޅުގަނޑުމެންނާ ވަކިވިތާ މިއަދަށް ބާރަ އަހަރުވީ އެވެ. މިވީ ބާރަ އަހަރު ދުވަހުގެ ތެރޭގައި ބައްޕަ ވެފައި ވަނީ އަޅުގަނޑުގެ ދިރިއުޅުމުގެ މުހިއްމު ހިއްސާ އަކަށެވެ. ބައްޕަގެ ބަސްތަކާއި ނަސޭހަތްތަކަކީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ބާރެވެ. ބައްޕަގެ ނުގުޑާ ފަދަ އަޒުމާއި ހިތްވަރަކީ ނަމޫނާއަކަށް ބަލައި އެކަންކަމުން އަޅުގަނޑު މިއަދު އިބްރަތް ލިބިގަންނަ ކަންކަމެވެ.

އަޅުގަނޑުގެ ދުއާއަކީ މާތް ﷲ ބައްޕަގެ ފާފަ ފުއްސަވައި ރަހްމަތް ލެއްވުމެވެ. ދާއިމަށް ދެމިގެންވާ ސުވަރުގޭގެ މަތިވެރި ނިއުމަތް ބައްޕަގެ ފުރާނައަށް ދެއްވުމެވެ. އާމީން!

ދާދި އަވަހަށް ނެތިފަނާވެ ދިޔަސް އަގެއް ނެތް ޖިސްމުތައް

ތާ އަބަދު ދެމިހުންނަ ހެޔޮ ޒިކުރާ އަކަށް ނިމުމެއް ނެތޭ