ޕާސްތާއަކީ އިޓަލީގެ ހާއްސަ ކެއުމެކެވެ. މިހާރަކަށް އައިސް އިޓަލީގައި ވެސް މިވަނީ ޕާސްތާ އާއި ސްޕެގެޓީ އަދި ނޫޑުލްސް ފަދަ ތަކެތި ކެއުން މަދެވެފަ އެވެ. ސަބަބަކީ މިތަކެއްޗަކީ ފަލަވާ ޒާތުގެ ތަކެތި ކަމަށް ހީވެފައި އޮންނާތީ އެވެ.

ނަމަވެސް އިޓަލީގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް ޕާސްތާއަކީ އެހީއެކެވެ. 23،366 މީހުންނާ އެކީ ހެދި މި ދިރާސާގައި ބެލީ ޕާސްތާ ކާ މިންވަރެވެ. ސައިންސްވެރިން ބުނަނީ އާންމުކޮށް ޕާސްތާ ކާ މީހުން ހަށިގަނޑު ފަލަނުވެ ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމުގެ ފުރުސަތު ބޮޑުކަން ފާހަގަވެފައިވާ ކަމަށެވެ.

ނިއުޓުރިޝަން އެންޑް ޑައިބެޓީސް ޖާނަލްގައި އާއްމު ކޮށްފައިވާ މި ދިރާސާގައި ކަނޑައަޅާފައި ވަނީ ޕާސްތާއަކީ ކާން ރަނގަޅު ކެއުމެއް ކަމަށެވެ. މި ދިރާސާގައި ފާހަގަވި އަނެއް ކަމަކީ ޕާސްތާ ގިނައިން ކައި އުޅޭ މީހުން ސިއްހީ ޑައިޓެއް ކަމަށް ބަލާ މެޑިޓެރޭނިއަން ޑައެޓް ބޭނުންކުރުން އިތުރު ކަމެވެ.

ސައިންސްވެރިން ދެކޭގޮތުގައި މެޑިޓެރޭނިއަން ޑައިޓަކީ ހަނދާން ނެތުމާއި ސްޓްރޯކް ޖެހުމަށާއި ހިތުގެ ބަލި ފަދަ ކަންކަމަށް ފަރުވާ ލިބޭ ޑައިޓެކެވެ. މެޑިޓެރޭނިއަން ޑައެޓްގައި ޒައިތޫނި ތެލާއި ތަރުކާރީ އާއި މޭވާއާއި މަހާއި ގޮވާމުގެ ބާވަތްތައް ހިމެނެ އެވެ. މި ޑައެޓްކޮށްގެން ހަށިގަނޑު ފަލަނުވެ ހެޔޮވަރު މިނެއްގައި ބެހެއްޓިދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.