ސިއްޙަތު ރަގަޅު ހިތެއްގެ ވެރިއަކަށް ވުމަށް ކުރެވޭނީ ކީއް ހެއްޔެވެ؟ މިސުވާލަށް ގިނަ ބަޔަކު ދޭނެ ޖަވާބަކީ، ކަސްރަތުކުރުމާއި ރަގަޅު ކާނާ ބޭނުންކުރުމެވެ. ނަމަވެސް މިދެކަމުގެ އިތުރުން ކުރެވޭނެ މާ ފަސޭހަ، މާއާދައިގެ ކަންތައް އެބަ ހުއްޓެވެ. ބައެއް ކަންތައްތަކަކީ ހައިރާން ކުރުވަނިވި ކަންތައްތަކަށް ވެސްވެދާނެ އެވެ.

ހުނުން

ލަންޑަންގެ ޔުނިވާސިޓީ ކޮލެޖުން ހެދި ދިރާސާކުން ދައްކާގޮތުގައި، ހުނުމުގެ ސަބަބުން، ލޭހޮޅިތަކުން ލޭދައުރުކުރުވުން ފަސޭހަކޮށްދެ އެވެ. ކަމާބެހޭ މާހިރުން ބުނާގޮތުންނަމަ، ދުވާލަކު 15 މިނެޓް ހުނުމަކީ ހިތަށް ލުއިކަމެއް ލިބި، ސިއްޙަތަށް ފައިދާކުރުވަނިވި ކަމެކެވެ.

އުފާވެރި ޚިޔާލުތައް ކުރުން

ދިރާސާތަކުން ދައްކާގޮތުގައި އުފާވެރި ކަންތައްތައް ހަނދާންކުރުމަކީ ދިފާއީ ނިޒާމަށް ފައިދާކުރުވަނިވި ކަމެއްގެ އިތުރުން ހިތުގެ ބާރު ގަދަކޮށްދޭ ކަމެކެވެ.

ކަންތައްތަކާ މެދު ރަނގަޅު ނަޒަރަކުން ބެލުން

ދިރިއުޅުމެއްގެ ކަންތައްތަކާ މެދު ނުރަނގަޅު ނަޒަރަކުން ބަލާ މީހުންނަށް ވުރެ، ރަނގަޅު ނަޒަރަކުން ބަލާ މީހުން، ހިތް ހުއްޓުމުގެ ފުރުސަތު ކުޑަ އެވެ.

ޗޮކުލެޓް ކެއުން

ޗޮކުލެޓުގައި ހުންނަ މާއްދާއެއް ކަމަށްވާ ޕޮލިފެނޯލްސްގެ ސަބަބުން، ހަށިގަނޑުގެ ސެލްތަކަށް ކުރިމަތިވާ ގެއްލުން ކުޑަކޮށްދެ އެވެ. އެމެރިކާގައި ކޮށްފައިވާ ސާރވޭއަކުން ދައްކާގޮތުންނަމަ، މަހަކު ތިން ފަހަރު ޗޮކުލެޓު ނުކާ މީހުންނަށް ވުރެ ޗޮކްލެޓް ކާ މީހުން ނިސްބަތުން އުމުރު ދިގެވެ.

ނިދުން

ސިއްހަތު ރަނގަޅު ހިތެއް ބޭނުންނަމަ ރަނގަޅަށް ނިދި ހަމަ ކުރުމަކީ ވެސް ބޭނުންތެރި ކަމެކެވެ. ޗިކާގޯގެ ޔުނިވާސިޓީ އަކުން ހެދި ދިރާސާކުން ދައްކާގޮތުންނަމަ، އެންމެ ގަޑިއިރެއްގެ ނިންޖަކީ ވެސް ހިތައް ލޭ ދައުރު ކުރުވައިދޭ ލޭހޮޅި (ކޮރޯނަރީ އާޓަރީ) ހަރުވުން 33 އިންސައްތަ ދަށްކޮށްދޭ ކަމެކެވެ.