ކޮންމެ މީހަކު ވެސް މަސައްކަތް ކުރަނީ ހިތްހަމަޖެހޭ އުފާވެރި ހަޔާތެއް ހޯދާށެވެ. ދިރިއުޅުން ބާއްޖަވެރި ކުރުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވުމަށް ތިބެނީ ތައްޔާރަށެވެ. ނަމަވެސް އާންމު ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތެއްގެ ސަބަބުން އުފާވެރިކަން ނެތިގޮސް މާޔޫސްކަމާ ކުރިމަތިލާން ޖެހެ އެވެ. މި ލިޔުމުގައި މި ހިމަނާލަނީ ގިނަ މީހުންގެ ހުންނަ އެފަދަ ނޭދެވޭ އާދަތަކެވެ.

މާޒީގައި ކަންތައްތައް ވެފައިވާ ގޮތަށް "މިއަދު" ބިނާކުރުން

ލޯބިވެރިޔާ ބޭވަފާތެރިވުމުން އެހެން އެއްވެސް މީހަކަށް އިތުބާރު ނުކުރަން ވައުދު ވަނީ ޒުވާން ފުރައިގެ ކިތައް ކުދިން ހެއްޔެވެ؟ ދެން ތިމާގެ ހަޔާތަށް އަންނަ ކޮންމެ މީހަކުވެސް ކަންތައްކުރާނީ އެފަދައިން ކަމަށް ގަބޫލުކުރާތަން އަންނަނީ މަދެއްކޮށެއް ނޫނެވެ.

މާޒީގައި ކަންތައްވެފައިވާ ގޮތުގެ ސަބަބުން އަމިއްލަ ނަފްސަށް ދެވެނީ ވަރަށް ބޮޑު އަދަބެކެވެ. އެއީ ތިމާގެ ކުށަކަށް ނުވިނަމަވެހެވެ. ވިސްނާލަންޖެހޭ ކަމަކީ ‘އިއްޔެ’ އަކީ އެ ދުވަހުން އިބުރަތް ލިބިގަނެ މާޒީގެ ފަތްފުށްތަކުގެ ތެރެއަށްލައި ފޮރުވަން ވެފައިވާ ދެވަހެކެވެ. ދަތި އުނދަގޫ ދުވަސްތަކުގެ ސަބަބުން ކެތްތެރިވާން ދަސްވެ އެވެ.

ކުރެވިފައިވާ ކުށްތަކުން ވިސްނުން ތަރައްގީވެ، އެހެން ގޮތަކަށް ބުނާނަމަ "މެޗުއާ"ވެ އެވެ.

މާޒީގައި ވެފައިވާ ކޮންމެ ކަމަކީ އެކަމެއްގައި ފޮރުވިފައިވާ ހިކުމަތެއް ވާނޭ ކަމެކެވެ. އާނއެކެވެ. ކޮންމެކަމެއް ވެސް ވާނީ ރަނގަޅަކަށެވެ.

ބަދަލުތަކާ ދެކޮޅު ހެދުން

ކޮންމެ ބަދަލަކީ ނޭދެވޭ ބަދަލެއް ނޫނެވެ. ބަދަލަކީ ކުރިއެރުމަށް ހުޅުވޭ ދޮރެކެވެ. ކުރާ ހުރިހާ ކަމެއް އެއްގޮތަކަށް ކުރާ ނަމަ ތިމާގެ ނަފްސު ތަރައްގީއެއް ނުވާނެ އެވެ. އިތުރު އެއްޗެހި ދަހެއްނުވާނެ އެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމަކީ "ފޫހި" ދިރިއުޅުމެކެވެ.

އައު ކަންތައްތަކަކަށް ތަނެއް ނުދެ އެވެ. ކޮންމެ ދުވަހެއް ވެސް އޭގެ އަނެއް ދުވަހާ ގުޅި ދުވަސްތައް މާޒީއާ އެކުވަމުން ދާނެ އެވެ. ވިސްނާލާށެވެ. މިދިޔަ އަހަރާއި މިއަހަރު ތިބާގެ އެއްވެސް ބަދަލެއް އައިސްފި ހެއްޔެވެ؟ ކުރެވުނު މަޖާ، އާދަޔާ ހިލާފު ކަންކަމަކީ ކޮބައި ހެއްޔެވެ؟ ކުރާ ކަމެއްގެ ސަބަބުން ހިތްނުތަނަވަސް ވާފަހަރު އަތުވެދާނެ އެވެ. އެހެންނަމަވެސް އަމިއްލަ ނަފްސަށް އައު ކަމެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދޭށެވެ. އުފާވެރިކަން އިހުސާސްވާނެ އެވެ. ހަނދާންތަކެއް އުފެދޭނެ އެވެ. ނޫނީ އައު ފިލާވަޅެއް ލިބޭނެ އެވެ.

ނުބައި ހިޔާލުތަކަށް ހިތުން ޖާގަ ދެވުން

އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ކުށް ކުރެވޭނެ އެވެ. ކޮންމެ މީހެއްގެ ވެސް ނޭދެވޭ ސިފަތަކެއް ހުންނާނެ އެވެ. އެކަންތައްތައް ހިތަށް ގެނެސް އެކަމާ ދެރަވެ ހިތާމަ ކުރަން ވެއްޖެނަމަ އެފަދަ އެތައް ކަމެއް ފެންނާނެ އެވެ.

ތިމާގެ ނުރަނގަޅު ސިފަތަކުގެ ވާހަކަ ދައްކަން ފަށައިފިނަމަ ވާހަކަ ކޮޅުން ނުލާނެ އެވެ. މިއާދަ ދޫކޮށްލާށެވެ. އުފާވެރި، މަޖާ އަދި ކުރެވިފައިހުރި ރަނގަޅު ކަންތައްތަކުގެ ވާހަކަ ދައްކާށެވެ. ކޮންމެ ކަމެއްގައި އޮންނަ އެންމެ ރަނގަޅު ގޮތަށް ވިސްނޭތޯ ބަލާށެވެ. ތިމާ އާއި ތިމާ އެކީ އުޅޭ އެންމެންގެ އުފާވެރިކަން ދެގުނައަށް އިތުރުވާނެ އެވެ.