ޓޯކިޔޯ (10 ނޮވެމްބަރު)- 2021 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް ޖަޕާނުގެ ދޫނި ގެންގުޅޭ ދަނޑުތަކުގައި "އޭވިއަން އިންފްލުއެންޒާ" ނަމަކަށް ކިޔާ ދޫނި ރޯގާގެ ވައްތަރެއް ފެތުރެމުންދާ ކަމަށް އެގައުމުގެ އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓްގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ 143،000 އަށްވުރެ ގިނަ ބިސް އަޅާ އުމުރުގެ ކުކުޅު ނައްތާލެވިފައިވާ ކަމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދަނޑުތަކުގެ ވަށައިގެން 10 ކިލޯމީޓަރުގެ ސަރަހައްދު ބަންދު ކުރެވިފައިވާ ކަމަށެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު އެކަށޭނަ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ އިންސާނުންގެ މެދުގައި މިބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ،" އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއީ މި އަހަރު ޖަޕާނުގައި ދޫނި ރޯގާ ފެތުރެން ފެށި ފުރަތަމަ ފަހަރު ނަމަވެސް އަވަށްޓެރި ޗައިނާގައި ދޫނިރޯގާ ފެތުރުން އިތުރު ވަމުން ދިއުމަކީ ޖަޕާނަށް އޮތް ކަންބޮޑު ވުމެކެވެ. ޗައިނާގައި އިންސާނުންގެ ހަށިގަނޑުން މި އަހަރުގެ މިހާތަނަށް ދޫނިރޯގާގެ 21 ކޭސް ވަނީ ފެނިފަ އެވެ.

ޖަޕާނާއި ޗައިނާގެ އިތުރުން ޔޫރަޕުގެ ބައެއް ސަރަހައްދުތަކުގައި ވެސް ދޫނިރޯގާ ފެތުރެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ޕޮލެންޑްގައި 650،000 އަށްވުރެ ގިނަ ދޫނިތަކަށް މި ރޯގާގެ އަސަރު ވަނީ ކޮށްފަ އެވެ.

ޖަޕާނުގައި މިހާތަނަށް ފެތުރުނު ދޫނިރޯގާގެ އެންމެ ބޮޑު ރާޅު ކުރިމަތިވީ މިދިޔަ 2020 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށެވެ. އެފަހަރު 3 މިލިއަނަށްވުރެ ގިނަ ދޫނިތަކަށް ރޯގާގެ އަސަރު ވަނީ ކޮށްފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް