ނޭޕިތޯ (10 ނޮވެމްބަރު) - ކޮރަޕްޝަންގެ ދައުވާ ސާބިތުވެ މިޔަންމާގެ ކުރީގެ ރައީސް އޮންގް ސަން ސޫ ކީގެ ކެބިނެޓުގައި ހިމެނުނު ދެ މިނިސްޓަރަކަށް 75 އަހަރާއި 90 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި ކަމަށް އެ މީހުންގެ ވަކީލުން ބުނެފި އެވެ.

މި ހުކުމަކީ އޮންގް ސަން ސޫ ކީގެ ސިޔާސީ ޕާޓީގެ މެމްބަރަކަށް މިހާތަނަށް އިއްވާފައިވާ އެންމެ ހަރުކަށި ހުކުމެވެ. މިދިޔަ ފެބްރުއަރީ މަހު އަސްކަރީ ބަޣާވާތެއްގެ ދަށުން އޮންގް ސަން ސޫ ކީގެ ސަރުކާރު ވެއްޓުނުއިރު، އެ ސަރުކާރުގެ ގިނަ އިސް ވެރިންތަކެއް ވަނީ އަސްކަރީ ވެރިކަމުގައި ހައްޔަރު ކުރެވިފަ އެވެ.

ކުރީގެ ކަޔިން ސްޓޭޓްގެ ޕްލޭނިން މިނިސްޓަރު ތަން ނައިންގްގެ މައްޗަށް ކޮރަޕްޝަންގެ ހަ ތުހުމަތެއް ސާބިތުވެ 90 އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ކަޔިން ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މައްޗަށް ފަސް ތުހުމަތެއް ސާބިތުވެ 75 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

މި ދެ މިނިސްޓަރުންގެ އިތުރުން ކުރީގެ ރައީސް އޮންގް ސަން ސޫ ކީގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް ވަނީ އުފުލާފަ އެވެ. އޭނާއަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި މި ދައުވާތަކަކީ އަސްކަރިއްޔާއިން ކުރި ބަޣާވާތަށް ސަބަބެއް ދެއްކުމުގެ ގޮތުން އޮންގްގެ މައްޗަށް ކޮށްފައިވާ ދައުވާތަކެކެވެ. މި ދައުވާތައް ސާބިތު ވެއްޖެނަމަ މިޔަންމާގައި ދެން ބާއްވާ އިންތިހާބެއްގައި އޮންގްއަށް ވާދައެއް ނުކުރެވޭނެ އެވެ.

ފެބްރުއަރީ މަހު މިޔަންމާގެ ވެރިކަމަށް އަސްކަރިއްޔާއިން ވެރިވެގަތް ފަހުން އެގައުމުގައި ހަމަނުޖެހުންތައް ވަނީ އާއްމުވެފަ އެވެ. މުޒާހަރާތަކާއި މާރާމާރީތަކުގައި ގިނަ ބަޔަކަށް ވަނީ އަނިޔާ ވެސް ވެފަ އެވެ.

އަންގާރަ ދުވަހު ހުކުމް އިއްވި ދެ މިނިސްޓަރުން މިހާރު ވެސް ދަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ އަސްކަރިއްޔާއިން ވެރިކަމަށް އިސްވުމުން މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމުގެ ދައުވާއެއް ސާބިތުވެ ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. – އަލް އަރަބިއްޔާ