ޕޮޕްކޯން އަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. ފިލްމެއް ބަލާއިރު ނުވަތަ ހަވީރު ފިންޏަށް ކުޑަކުދިން ގޮވައިގެން ހިނގާލަން ދިޔަނަމަވެސް އާއްމުކޮށް ބޭނުންކުރާ މި ކެއުމަކީ ސިއްހަތަށް ގެއްލުން ހުރި ޖަންކް ފުޑްއެއްގެ ގޮތުގައި ބެލެވިފައި އޮތް ނަމަވެސް ކުރިން ނޭނގޭ ގިނަ ސިއްހީ ފައިދާތަކެއް ލިބޭ އެއްޗެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ

ހަޖަމް ކުރުމުގެ ނިޒާމް ރަނގަޅުކޮށްދޭ

ޕޮޕްކޯން އަކީ ގޮދަނުގެ ބާވަތަކުން ހަދާ ކެއުމަކަށް ވާތީ އޭގައި ފައިބާއާއި މިނަރަލްސްގެ އިތުރުން ވިޓަމިންސް ސީ ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ. ޕޮޕްކޯންގައި ހިމެނޭ ފައިބާގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމުގެ ހިނގުން ރަނގަޅު ކޮށްދީ ހަޖަމުކުރުން ލުއިކޮށްދެ އެވެ.

ޑައިޓުކުރާ ފަރާތްތަކަށް ރަނގަޅު ކެއުމެއް

އެއްވެސް އިތުރު އެއްޗެއް ބޭނުން ނުކޮށް ހަމައެކަނި ޒުވާރީން ތައްޔާރު ކޮށްފައިވާ ޕޮޕްކޯންއަކީ ބަރުދަން ލުއި ކުރުމަށްޓަކައި ޑައިޓްކުރާ ފަރާތްތަކަށް ލުއިކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ ކެއުމެކެވެ. އާއްމުކޮށް ހުންނަ ލުއިކާނާ އަށް ވުރެ ޕޮޕްކޯން އިން ހަށިގަނޑަށް އެތެރެވާ ކެލޮރީސް މަދުވާނެ އެވެ.

ކެންސަރު ބަލިން ދުރުކޮށްދޭ

އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކެންސަރާއި ހިތުގެ ބަލިފަދަ ނުރައްކާތެރި ދާއިމީ ބަލިތަކުން ދުރުކޮށްދޭ އެންޓި އޮކްސިޑަންޓެއް ކަމަށްވާ ޕޮލިފެނޯލްސް ގިނަ އަަދަދަކަށް ޕޮޕްކޯންގައި އެކުލެވިގެންވެ އެވެ. ނަތީޖާއަކަށް ވަނީ ޕޮޕްކޯން ކާނަމަ ކެންސަރާއި ހިތުގެ ބަލި ފަދަ ބަލިތަކުން ދުރުވުމެވެ.