ކޮންމެ ދުވަހަކު ކިތައް ގަޑިއިރު ލޯގަނޑު ކުރިމަތީގައި މޭކަޕް ކުރުމަށް ހުރެވޭ ހެއްޔެވެ؟ މޭކަޕް އަކީ އަސްލު މީހާގެ ރީތިކަން ގެނުވާ އެއްޗެއް ނޫނެވެ.

ހަގީގަތަށް ބުނާނަމަ ހެނދުނު ހޭލައިގެން ގޮސް ރޭގަނޑު ނިދުމާއި ދެމެދު ކޮންމެދުވަހަކު ކުރަންވާ ކަންތައް ފަރުވާ ބަހައްޓައިގެން ކުރިޔަށް ގެންދެވޭ ކަމަށް ވާނަމަ ހަށިގަނޑަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަން ފެންނާނެ އެވެ. ރީތިކަމުގެ އެންމެ ބޮޑު އަސްލަކީ އިންސާނާއަށް ދުޅަހެޔޮ ސިއްހަތެއް ލިބިފައި ވުމެވެ. މިގޮތުން ސިއްޙަތަށް ފައިދާހުރި ގޮތްގޮތަށް އަމަލު ބެހެއްޓުން ވަރަށް މުހިއްމެވެ. ތިރީގައި މިވަނީ ގުދުރަތީ ރީތިކަން ގެނައުމަށް ކޮންމެ ދުވަހަކު ކުރެވިދާނެ ބައެއް ކަންކަމެވެ

ހަންގަނޑު އޮމާންކޮށް ރީތިކޮށްދޭ މޭވާއާއި ތަރުކާރީ ބޭނުން ކުރުން.

ކޮންމެދުވަހަކު ކެއުމުގައި ނިއުޓްރިޝަން ހިމެނޭ ކާނާބޭނުން ކުރާށެވެ. އަދި އޮމޭގާ3 ފެޓީ އެސިޑް ހިމެނޭ ފުރުޓް ބޭނުން ކުރަން ވެސް އާދަކުރާށެވެ. މީގެ ތެރޭގައި ވިޓަމިން ގިނަ ވޯލްނަޓްސް، ވިޓަމިން ތަކުން މުއްސަނދިވެފައިވާ ކާނާ ކަމަށްވާ އޯރެންޖް، ކައްޓަލަ، ބަރަބޯ، އަދި ޕްރޮޓީން ލިބިދޭ ބިސް، ކުކުޅު، ކިޑްނީބީންސް، މުގު، ސަނާމުގު އަދި ޗީޒް ހިމެނެ އެވެ

ގިނަގިނައިން ފެން ބުއިން

ފެނަކީ މުޅިހަށިގަނޑު ހިންގުމުގައި އެންމެ އިސް ރޯލެއް އަދާކުރާ އެއް ބާވަތެވެ. ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 8 ތަށި ފެން ބޯންވާނެ އެވެ. ގިނައިން ފެން ބުއިމުން ހަށިގަނޑުގައި ހުންނަ ވިހަ ބޭރުކޮށް ހަންގަނޑުވެސް ތާޒާކޮށް ބަހައްޓައިދެ އެވެ. ފެނަށް ކިއުކަމްބާ، ލުނބޯ، ނުވަތަ މިންޓްފަތް އަޅާފައި ޑިޓޮކްސް ބުއިމެއްގެ ގޮތުގައި ބޭނުން ކުރުމުންވެސް ހަންގަނޑު ރީތިކޮށްދެ އެވެ

ހަމަނިދި ނިދުން

ފޯނު ޗާޖު ކުރަން ޖެހޭގޮތަށް ކޮންމެ މީހަކުވެސް އެމީހެއްގެ ހަށިގަނޑު ޗާޖުކުރުމަށް ހަށިގަނޑަށް އަރާމު ބޭނުންވެ އެވެ. މިގޮތުން 6 ގަޑިއިރު ނުވަތަ 8 ގަޑިއިރުގެ ނިދި އިންސާނާއަށް ބޭނުންވެ އެވެ. ބޭނުންވާ ވަރަށް ނިދި ނުލިބުމުން މީހާގެ ލޯކައިރި ކަޅުވެ މުޅިދުވަހުގެ މޫޑް ގެއްލެ އެވެ. ރަނގަޅަށް ނިދި ލިބިފައިވާ މީހަކު ހެނދުނު ހޭލާއިރު އެމީހަކު ހުރީ ތާޒާކަން މަތީގައިކަން އިޙްސާސް ކުރެވޭނެ އެވެ

ކަސްރަތު ކުރުން

ކަސްރަތުކުރުމަކީ އިންސާނާގެ ރީތިކަން ދަމަހައްޓާ އެއް ކަމަށް ވާއިރު ދުޅަހެޔޮ ސިއްޙަތެއްގައި މީހާ ހުރުމަށް މަގުފަހިކޮށްދީ، އަދި ސިކުނޑިޔަށް ތާޒާކަން ގެނެސްދީ މުޅިމީހާ ހަރަކާތްތެރި ކޮށްދޭ ކަމެކެވެ. ކޮންމެ ދުވަހަކު މަދުވެގެން 30 މިނިޓް ކަސްރަތު ކުރަން ވާނެ އެވެ. ކަސްރަތު ގަވައިދުން ކުރާނަމަ ހަށިގަނޑުގެ ބައްޓަން ރީތި ކޮށްދިނުމުގެ އިތުރުން ހަންގަނޑަށް ތާޒާކަން ގެނުވައި ދޭނެ އެވެ