އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކި ކުރުމާމެދު ގޮތެއް ނިންމުމަށް ދައުރުގެ ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ފަށައިފި އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް އެމްޑީޕީ ޕާލިމަންޓް ގްރޫޕުން ފަށާފައި ވަނީ އޭސީސީގެ މެމްބަރުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވާތީ އެވެ.

ދައުރުން ބޭރުން ބާއްވާ ޖަލްސާ އޮތީ ކޮން ދުވަހަކު ކަމެއް ރަސްމީކޮށް ނޭނގެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދައުރުން ބޭރުގައި ޖަލްސާ ބާއްވަން، ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް މަޖިލީހުގެ ރައީސަށް ހުށަހަޅައިފި ނަމަ، ދެ ހަފްތާގެ ތެރޭގައި އެ ޖަލްސާ ބާއްވަން ޖެހޭނެ އެވެ.

މިދިޔަ މަހުގެ 29 އިން ފެށިގެން މަޖިލިސް ވަނީ ތިން މަސްދުވަހުގެ ޗުއްޓީއެއްގައި އެވެ.

މިދިޔަ މަހުގެ 29 ގައި އޭސީސީގެ މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވާއިރު، މިމަހުގެ ފަސްވަނަ ދުވަހު އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލާފަ އެވެ.