މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި އޮފަރޭޝަންގައި ފުލުހުން ވަނީ 100 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ގދ. ހޯޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދެވެ.

އޭނާއަށް ކޮށްފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އެވެ.

ފުލުހުން ބުނާގޮތުގައި އޭނާގެ އިތުރުން ވެސް ގިނަ ބަޔަކު މިކަމުގައި ޝާމިލުވެ އެވެ. އަދި މުޖާހިދުގެ ބެލުމުގެ ދަށުން މަސްތުވާތަކެތި އެކި ތަންތަނަށް ގެންދިއުމުގައި އެމީހުން ހަރަކާތްތެރިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައްޗަން ގޯޅި ސަހަރާ ކައިރިން ދިޔަ ކާރެއް ބަލައި ފާސްކުރުމުގެ ތެރެއިން ފުލުހުން ހޯދި މަސްތުވާތަކެތި ނެގީ AB1A T8977 ނަންބަރު ޓެކްސީންނެވެ.

އެ ޓެކްސީގެ ޑިކީގެ ތެރެއިން 100 ކިލޯއަށްވުރެ ގިނަ މައްތުވާތަކެތި ފެނިފައިވާ ކަމަށާއި، މައްސަލައިގައި ހައްޔަރުކުރި މުޖާހިދަށް މިކަމުގެ ތުހުމަތުކުރެވެނީ، އޭނާގެ ދަރިފުޅުގެ މެޑިކަލް ސެޓްފިކެޓެއް ޓެކްސީން ފެނި، މަސްތުވާތަކެއްޗާ އޭނާއާ ގުޅުމެއް ވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.