އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ. މެމްބަރުން ވަކިކުރުމަށް ކޮމިޓީން ނިންމީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގަ އެވެ. މެންބަރުން ވަކިކުރުމަށް ކޮމިޓީގެ ބައްދަލުވުމުގައި ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު އެވެ. ހުށައެޅުމަށް ތާޢީދުކުރެއްވީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް އެވެ. މެމްބަރުން ވަކިކުރަން ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ އަޣްލަބިއްޔަތުން ނެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ގިނަ މެމްބަރުންވަނީ އޭސީސީއަށް ޖަވާބުދާރީވުމަށް ދިން ފަސް ދުވަހުގެ މުހުލަތު ހަމަވިފަހުން ކޮމިޓީއަށް ޖަވާބުދާރީވެފައިވާކަން ފާހަގަ ކޮށްފަ އެވެ. އަދި އޭސީސީގެ މެންބަރުން ކޮމިޓީއަށް ފޮނުއްވާފައިވާ ޖަވާބުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމަކީ މީގެ ކުރިންވެސް ކޮމިޓީއާއި ހިއްސާކޮށްފައިވާ ކަންކަން ކަމަށާއި އެ މައްސަލަތަކަށް ގިނަ ހައްލުތަކެއް ހޯދައިދީފައިވާކަން މެމްބަރުން ފާހަގަކުރެއްވި އެވެ. އޭސީސީގެ މެމްބަރުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން މުވައްޒަފުންގެ ދަތިތަކާއި، ބަޖެޓްގެ ދަތިކަން އަދި ޕީޖީއާ އޭސީސީއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ވާހަކަވެސް މެމްބަރުން ފާހަގަކުރެއްވި އެވެ.

ކޮމިޓީގެ މެންބަރުން ވިދާޅުވީ އޭސީސީއަށް އާ މެމްބަރުންނާއެކު ދެ އަހަރާއި ބައި ފާއިތުވެގެން ދިޔައިރު ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދެވިފައިވާކަމަށެވެ. މިގޮތުން 9 ފަހަރެއްގެ މަތިން އޭސީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމުން، އެ ކޮމިޝަންގެ މައްސަލަތައް ނިންމަން ކަނޑައަޅާފައިވާ މުއްދަތުތަކާއި މައްސަލަތައް ކޮމިޓީއާއި ހިއްސާކުރިނަމަވެސް ކޮމިޓީން އެ މައްސަލަތައް ނިންމަންދިން މުއްދަތުގައިވެސް އެކަށީގެންވާ ކުރިއެރުންތަކެއް ކޮމިޝަނަށް ހޯދިފައިނުވާކަމަށް ކޮމިޓީގެ ގިނަ މެންބަރުން ފާހަގަކުރެއްވި އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ފަށައި، ކޮމިޝަންގެ މެންބަރުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައި ވަނިކޮށް ކޮމިޝަންގެ މެންބަރުން އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެލުމަށް މަޖިލީހުގެ ކޮމިޓީ އަށް ހުށަހެޅުނެވެ. ނަމަވެސް ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެލުމަށް ފާހެއް ނުވެ އެވެ. މެމްބަރުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް ކަނޑައެޅީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެންނެވެ.

މިއަދު ވަކިކުރުމަށް ކޮމިޓީން ނިންމި މެމްބަރުންނަކީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު އާއިޝަތު ޢަބްދުﷲ އެވެ. އޭސީސީގައި ހިމެނޭ 5 މެމްބަރުންގެ ތެރެއިން އަނެއް ދެ މެމްނަރުންވަނީ އިސްތިއުފާ ދެއްވާފަ އެވެ.