މިދިޔަ ހޯމަ ދުވަހު ވ. އަތޮޅު ބޭރަށް އަޑިއަށް ދިޔަ އަލަމާ-5، ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން ދިވެހި ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ މީހާ ގެއްލިގެން މިހާތަނަށް 5،692 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ހޯދައި ބާލާފައިވާ ކަމަށެވެ.

މި ދޯނި އަޑިއަށް ދިޔައީ ފ. ފީއަލިން ފުރައިގެން މާލެ ދަތުރު ކުރަމުން ދަނިކޮށެވެ. އަދި ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފުގެ ކޯސްޓްގާޑުން އަންނަނީ މެދުކެނޑުމެއް ނެތި ހަރަކާތްތެރިވަމުންނެވެ.

މި މަސައްކަތުގައި އެ ސަރަހއްދުތަކުން ދަތުރުކުރާ ސީޕްލޭންތަކާއި ފްލައިޓްތަކުގެ އެހީތެރިކަން ވެސް އަންނަނީ ހޯދަމުންނެވެ.

އަލަމާ-5، ދޯނި އަޑިއަށް ދިޔައިރު ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ދިވެހި މީހާއަކީ ދޯނީގެ ކެޕްޓަނެވެ. ދެ ބިދޭސީން ވެސް ގެއްލުނެވެ. ނަމަވެސް ކޯސްޓުގާޑުން ވަނީ އެ ދެ ބިދޭސީން ކަނޑުމަތިން ހޯދާފަ އެވެ. ފެނުނުއިރު އެ މީހުން ތިބީ ހަންތަކެއްގެ އެހީގަ އެވެ.

އަލަމާ ދޯނި އަޑިއަށް ގޮސްފައިވާ ކަމުގެ މައުލޫމާތު އެމްއެންޑިއެފަށް ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެރޭ 11:22 ގަ އެވެ. ދޯނި އަޑިއަށްދިޔަ ސަބަބެއް ނޭނގެ އެވެ.