މިދުވަސްވަރު ކޮވިޑް ނަމްބަރު މަތިވަމުންދާތީ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން މަޖުބޫރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން މަޖުބޫރު ކޮށްފައިވާ ކަމަށެވެ. އަދި މިކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ތިމާއާއި އަނެކާގެ ރައްކާތެރިކަމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކު އެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަން،" ފުލުހުން ބުންޏެވެ.

މާސް އެޅުން މަޖުބޫރުކޮށް އެކަން ތަންފީޒުކުރަމުންދާނެ ކަން ފުލުހުން އެންގިއިރު، ގިނަ ދުވަސްތަކަކަށް ފަހު، ކޮވިޑްގެ އޮމިކްރޮން ވެރިއަންޓާ އެކު މިހާރު ދަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އިއްޔެ އެކަނި ވެސް މާލެއިން 102 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ.

އެޗްޕީއޭ އިން އިލްތިމާސްކުރަނީ މީހުން އެއްވެ އުޅޭ ހަރަކާތްތައް މަދުކުރުމާއި އެކު ބަލިން ރައްކާތެރިވުމަށް މާސްކް އެޅުމާއި ގައިދުރުކަން ދެމެހެއްޓުމަށެވެ.