މިދިޔަ ހޯމަ ދުވަހު ވ. އަތޮޅު ބޭރަށް އަޑިއަށް ދިޔަ އަލަމާ-5، ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން ދިވެހި ފަޅުވެރިޔާ ހޯދުމުގެ މަސައްކަތްތައް ކުޑަކޮށްފި އެވެ.

މި ދޯނި އަޑިއަށް ދިޔައީ ފ. ފީއަލިން ފުރައިގެން މާލެ ދަތުރު ކުރަމުން ދަނިކޮށެވެ. އަދި ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފުގެ ކޯސްޓްގާޑުން މެދުކެނޑުމެއް ނެތި ހަރަކާތްތެރިވަމުން ދިޔަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މި ހާދިސާގައި ގެއްލިގެން މިވަގުތު ހޯދަމުން ގެންދަނީ ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގު 32، އެވެ. އަދި އެ ދޯނި އަޑިއަށްދިޔަ ވަގުތު ގެއްލުނު ބަންގްލަދޭޝްގެ ދެ މީހުން އެމްއެންޑީއެފުން ވަނީ ހޯދާފަ އެވެ.

އާދަމް ހޯދުމަށްޓަކައި ވައިގެ މަގުން 7،299 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ހޯދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބުމާ ގުޅިގެން ކޯސްޓްގާޑުގެ އެކްޓިވް ސާޗް އޮޕަރޭޝަން، ސާފޭސް ސާޗް އޮޕަރޭޝަނަކަށް ބަދަލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އާދަމްގެ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެމްއެންޑީއެފާ ހިއްސާކުރުމަށް އެދިފައިިވެ އެވެ.