މިދިޔަ ޑިސެންބަރު މަހު މީރާއަށް 2.03 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޑިސެންބަރު މަހު މިދިޔަ މަހު ލިބުނު އާމްދަނީއަށް ވުރެ 95 އިންސައްތަ އިތުރު އަދަދެކެވެ. އަދި، ޑިސެންބަރު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 45 އިންސައްތަ އިތުރު އަދަދެކެވެ.
ޑިސެމްބަރު މަހު ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ޖީއެސްޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށް މީރާއިން ބުނެ އެވެ.
މިގޮތުން، ނޮވެމްބަރު 2020 އާއި އަޅައިބަލާއިރު، ނޮވެމްބަރު 2021 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ހަތަރު ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.
މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ މިންވަރު މަދުވެފައިވުންކަމަށް މީރާއިން ފާހަގަކުރެ އެވެ. މީގެ އިތުރުން، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޑިސެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިން ބުނެ އެވެ. މި ފީ ޑިސެންބަރު 2020 ގައި މީރާއަށް ލިބިފައެއް ނުވެ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެންބަރު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 952.77 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 485.44 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ، އިންކަމް ޓެކްސްގެ ގޮތުގައި 95.69 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 94.41 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 243.65 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ ޑިސެންބަރު މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.48 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
ޑިސެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.48 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.