މަރުގެ އަދަބު ދިނުމަށްވުރެ ރާއްޖެއަށް މުހިންމީ، ޖިނައީ އަދުލުގެ ނިޒާމު ހަރުދަނާކުރުން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަގުރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ދިނުން މަޑުޖައްސާފައި އޮތް އޮތުން ދަމަހައްޓާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ރާއްޖެއިން ވަނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް އާނ ބަސް ބުނެފަ އެވެ.
ރާއްޖެއިން އެއަށް އާނބަސް ބުނެފައި މިވަނީ މިހާރު ކުރިއަށްދާ ޔޫޕީއާރް ސައިކަލްގައި ގިނަ ގައުމުތަކުން އެފަދައިން އެދެމުން ދަނިކޮށެވެ.
އޭޖީ ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ދެވޭނީ ރައްޔިތުން އެގޮތަށް ބޭނުންވާނަމަ ކަމަށެވެ. މަރުގެ އަދަބު އުވާލަންޏާ ރާއްޖޭގެ ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ވެސް އޭޖީ ރިފްއަތު ވިދާޅުވި އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި އަމުރަކާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގައި ވަނީ އެ ވަސީލަތް ގާއިމްކޮށްފަ އެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.