ކޮވިޑް-19 އަށް ފަރުވާހޯދަމުން ދަނިކޮށް އިތުރު މީހަކު ނިއާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ނިއާވީ އުމުރުން 95 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި މަރުވި 14 ވަނަ މީހާ އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް އޭނާ ނިޔާވީ އިއްޔެގެ ވަގުތެއްގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 276 އަށް އަރާފަ އެވެ. މިބަލީގައި އެންމެ ފަހުން ރާއްޖެއިން ނިޔާވެފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގަ އެވެ.

އެއީ ޅ. ނައިފަރު ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 66 އަހަރުގެ އަންހެނެކެވެ.

ރާއްޖެއިން މިހާތަނަށް 136،126 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 118،249 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ. އަދި 63 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.