ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ދައްކަންޖެހޭ ތާރީހު ފަސްކޮށްދިނުމަށް އަނެއްކާ ވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައިފި އެވެ.

ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތައްގީ ކޮށްފައިވާ ހިޔާ ފްލެޓްގެ ކުލި ނުނެގުމަށް ނިންމާފައިވާ މުއްދަތު މިދިޔަ މަހަށް ވަނީ ހަމަވެފަ އެވެ. އެއާއެކު މިމަހުން ފެށިގެން ހިޔާ ފްލެޓުން ކުލި ނަގަމުންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ.

ހިޔާ ފްލެޓްގެ މަހު ކުއްޔަކީ މެއިންޓަނެންސް ފީއާ އެކު 8،500 ރުފިޔާ އެވެ. ނަމަވެސް އެއީ ބޮޑު އަދަދެއް ކަމަށް ބުނެ، މަހު ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދިނުމަށް ފްލެޓުތަކުގައި އުޅޭ މީހުން ދަނީ ގޮވާލަމުންނެވެ. އެ އަދަދަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެ ފްލެޓްތަކުން ނަގާނެ ކަމަށް ބުނި ކުލިކަން ވެސް ފާހަގަ ކޮށްލެވެ އެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ އެންމެ ބޮޑަށް ހަރަދު ބޮޑުވާ މި މަހު ހިޔާ ފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް އާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ.

"މި ނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަން ޖެހޭ ތާރީހު ފަސްކޮށްދެއްވުމަށް ގޮވާލަން،" މުއިއްޒު ވިދާޅުވި އެވެ.

ފްލެޓްތައް ލިބުނު މީހުން އެތަންތަނަށް ބަދަލުވީ އަމިއްލަ އަށް ފިނިޝަން މަސައްކަތްތައްކޮށްގެންނެވެ. އެހެންވެ ކުލި ނެގުން ފަސްކޮށް ދިމީ ފްލެޓްވެރިން އަމިއްލަ އަށް ބޮޑު ހޭދައެއްކޮށްގެބް ފިނިޝިން މަސައްކަތްތައް ކުރަން ޖެހުމާ ގުޅިގެން، ކުލި ނެގުން ފަސްކޮށްދޭން ޑިމާންޑްކުރުމުންނެވެ.

އެޗްޑީސީން އެންމެ ފުރަތަމަ ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް، ކުލި ނުނަގާ ގޮތަށް ގްރޭސް ޕީރިއަޑެއް ދޭށެވެ. އެ މުއްދަތު ހަމަވި އިރު ގިނަ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނުނިމޭތީ، ފްލެޓު ލިބުނު ބައެއް ފަރާތްތަކުން ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް އެދުމުން އެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް އިތުރުކޮށްދިނީ އެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓްފީ މި މަހުގެ އެކަކުން ފެށިގެން ބަލައިގަންނަމުންދާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު 2000 އަށްވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ.