ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގެ ކަންބޮޑުވުމާއެކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ މައްސަލަތައް މަޖިލީހުން ބޭރުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުން މިހަފްތާގައި ހުށައެޅި ރައްޔިތުންނާ ގުޅުން ހުރި ދެ މައްސަލަވެސް މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށާއި، މި ދެ މައްސަލައަކީ ވެސް ރައްޔިތުންނާ ގުޅުންހުރި ދެ މައްސަލަ ކަމަށެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށް އެ އަޑުތައް ފަނޑުކޮށްލުމަށް މަސައްކަތް ކުރަނީ ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވި އެވެ. އެއީ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި، ހިޔާ ފްލެޓުތަކުގެ ކުލި ނެގުން ފަސްކޮށްދިނުމަށް އެދި އިދިކޮޅުގެ ފަރާތުން ހުށަހެޅި ކުއްލި މައްސަލައެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މި ދެ މައްސަލަ ވެސް ބޭރުކޮށްލާފަ އެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގާނޫނު އަސާސީން އިދިކޮޅު ކޯލިޝަންގެ މައްޗަށް ލާޒިމުކުރާ ކަމަށެވެ. މަސްވެރިކަން ތިޔާގިވެފައިވާ ދުވަސްވަރުގައި މަސްވެރިން ބާނާ މަސްކިރާ މިންވަރު ދައުލަތުގެ މަސް ކުންފުނި މިފްކޯއިން މަދުކުރުމާއި، ތެލުގެ އަގު އުފުލުމާއި އައިސް ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން އިއްޔެ މަޖިލީހަށް ހުށަހެޅި މައްސަލައަކީ ދިވެހި ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން އެމީހުންނަށް ގިނަ ވައުދުތައްވި ކަމަށެވެ. ނަމަވެސް އެކަންކަން ހައްލު ނުވެ އެހަރުތައް ވެގެން ދިޔަ އިރު، އަނެއްކާވެސް މަސްވެރިންގެ ތަކުލީފުތައް ސަރުކާރަށް ހަނދާންކޮށްދޭން ލާޒިމުވެފައިވާ ކަމަށް ސެމްބެ ވިދާޅުވި އެވެ.

މި ދެ މައްސަލަ ބޭރުކޮށްލުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، ބައެއް ކުންފުނިތަކުން ފައިސާ ނަގައި އެމަސައްކަތް ނިންމާފައި ނުވާތީ އެކަމުން 70 އަށްވުރެ ގިނަ އާއިލާއަށް ގެއްލުން ލިބެމުން އަންނަ ކަމަށާއި، މަސައްކަތް ކުރާނެ ކަމަށްބުނެ ބައެއް ކުންފުނިތަކުން 6 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ ކުއްޔާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ޕީޕީއެމް ސަރުކާރެެއްގައި ހިޔާ ފްލެޓްގެ އަގު ކުޑަކޮށްދެއްވާނެ ކަމަށެވެ. އަދި ސަރުކާރުން ކުލި ކުޑަ ނުކުރަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ކުލި ކުޑަކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް އިދިކޮޅުން މަސައްކަތްކުރަނީ އޭގެ ކުރިން އެކަން ކުރުމަށް ބާރު އެޅުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.