130 މީހުންނާއެކު ށ. ފޯކައިދޫން މާލެ ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ފުރާގު 2 ނަމަކަށްކިޔާ އެ ބޯޓް ޅ. ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 20:30 ހާއިރު ކަމަށެވެ.

އެ ބޯޓުން ދަތުރުކުރި މީހުންނާއި ބޯޓުގައި ހުރި މުދާ ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެ ހާދިސާގައި އެ ބޯޓަށާއި ބޯޓުގައި ހުރި މުދަލަށް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލު އެނގޭނީ ބޯޓު ފުންކުރެވުމުން ކަމަށް ބޯޓުގެ ވެރިފަރާތުން ބުންޏެވެ.

އެ ބޯޓުން ދަތުރުކުރި އެންމެން ޑިންގީއެއްގައި ޅ. ނައިފަރަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ނައިފަރު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެ ދޯނިން ދަތުރުކުރި އެންމެންނަށް ރޭގަނޑުގެ ގެއުން ހަމަޖެއްސުމުގެ މަސައްކަތް އެރަށު ރައްޔިތުން ކުރަމުން އަންނަ ކަމަށެވެ. އަދި އެންމެނަށް މިރޭ އެރަށުގެ އެކި ގެތަކުގައި ނިދޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަށް ނުލިބެ އެވެ.