އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

އެތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން ދޫނިދޫގައިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެގޮތުން، ޖުމްލަ 42 މައްސަލައެއްގައި ހިމެނޭ އެވިޑެންސް ނައްތާލާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި 526 ފުޅި ބަނގުރާ، 20 ޕެޓް ފުޅި، 1005 ބިޔަރު ދަޅު އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 10 އައިޓަމެއް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ އެ ތަކެއްޗަކީ ދައުވާ ނުކުރުމަށް ނިންމައި ފައިލުކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެތިކަމަށެވެ.

ހަމައެހެންމެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާއާއި، ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާ ނައްތާލާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.