ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ސަދާ ސައުދުﷲ މަރުވި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބޭ ކަމަށް އެޗްއާރުސީއެމުން ބުނެފި އެވެ.

އެ ކުއްޖާގެ ބައްޕަ ސައުދުﷲ އަށް މިދިޔަ ނޮވެމްބަރު 17ގައި ފޮނުވި ސިޓީއެއްގައި އެ މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގެ ރިވިއުއެއް ހަދާފައިވާ ކަމަށެވެ. އަދި އެ ރިވިއުއިން ފާހަގަކުރެވުނު 21 ކަމެއް އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ހިދުމަތްތެރިންގެ މައްސަލަތަކެއް ފާހަގަކުރެވޭތީ މޯލްޑިވްސް މެޑިކަލް ކައުންސިލާއި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަދާއަށް ފަރުވާދިން ކުޑަކުދިންގެ ބަލީގެ ޑޮކްޓަރާއި މެޑިކަލް އޮފިސަރު އަދި ނަރުހުން ހިމެނެ އެވެ.

މިދިޔަ އޮކްޓޯބަރު ތިން ވަނަ ދުވަހު ސަދާ، 5، މަރުވުމުގައި ހޮސްޕިޓަލްގެ ބޮޑު އިހުމާލެއް އޮތް ކަމަށް ހެލްތު މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. އެކަން ބަލައިދިނުމަށް ފުލުހަށާއި އެޗްއާރުސީއެމަށް ވެސް އާއިލާއިން ހުށަހެޅި އެވެ.

އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ބަލައި ނިންމުމަށް ފަހު، އާއިލާ އަށް ފޮނުވި ލިޔުމުގައި ބުނީ ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް ރިވިއުކޮށް ފާހަގަވި ކަންތައްތައް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އިހުމާލުވި ދެ ޑޮކްޓަރުންނަށް ފިޔަވަޅު އަޅާފައިވާ ކަމާއި ނާސިން ކައުންސިލުން ވެސް އެ މައްސަލަ ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އިހުމާލުވި ދެ މެޑިކަލް އޮފިސަރުންގެ ލައިސަންސް ވެސް ސަސްޕެންޑްކޮށް، އޭގެ ތެރެއިން އެކަކު އަނބުރާ ގައުމަށް ފޮނުވާލައިފައިވާ ކަމަށް ރިޕޯޓްގައި ވެ އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާކަން ތަހުގީގަށް ހޯދާފައިވާ މައުލޫމާތުތަކުން އެނގެން އޮތުމުން މި މައްސަލައިގައި އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރެވެ އެވެ،" އެޗްއާރުސީއެމުން ބުންޏެވެ.

"މި މައްސަލައިގައި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝަރުއީ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު، ހައްގު ގެއްލިފައިވާ ފަރާތަށް އޮތްކަން ފާހަގަކުރަމެވެ،"

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޮސްޕިޓަލްގެ އިހުމާލުން ކުއްޖާ މަރުވި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން މިނިސްޓްރީން ހެދި ރިވިއުގައި 21 ކަމެއް ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ސަދާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ބަލާފައި ނުވުމާއި ރަނގަޅަށް އެގްޒަމިން ކޮށްފައި ނުވުން ހިމެނެ އެވެ. އެ ކަމުގެ ސަބަބުން ކުއްޖާގެ އަސްލު ބަލި ދެނެގަނެވިފައެއް ނުވެ އެވެ.

ކުއްޖާ އިމަޖެންސީ ރޫމަށް ގެންދިޔަ ވަގުތު ކޮންމެހެން ބަލަންޖެހޭ ކަންކަން ބަލާފައިނުވުމާއި ސަދާ ސީރިއަސް ހާލަތުގައި އޮތް ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދީފައިވަނީ ކުއްޖާ ނުބަލާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެކަމަކު އޭގެ އެއް ދުވަސް ފަހުން އެ ޑޮކްޓަރު ވިނަވި ޕޯޓަލަށް ހުށަހެޅި ލިޔުމުގައި ބުނެފައިވަނީ އެ ކުއްޖާ އެގްޒަމިން ކުރި ކަމަށެވެ.

އެ ކޭސް ބަލަންޖެހޭ ވޯޑު ޑިއުޓީގައި ހުރި ޑޮކްޓަރަށް އޭގެ މައުލޫމާތު ނޭނގޭއިރު އެހެން ޑޮކްޓަރަކަށް މައްސަލަ ހަވާލުކޮށްފައިނުވާ ކަމަށް ވެސް ކަމާބެހޭ އިދާރާގެ ރިޕޯޓުގައި ބުންޏެވެ.

އާއިލާއިން މިހާރު ތައްޔާރުވަމުން އަންނަނީ އެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހަޅާށެވެ. އެކަން ހިލޭ ސާބަހަށް ކޮށްދިނުމަށް، ޕީއައިއެލްސީން ވަނީ ނިންމައިފަ އެވެ.