އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވާގޮތް ބަދަލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީން ހުށައަޅައިފި އެވެ. މި ބަދަލުތައް ހުށައަޅާފައިވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުތަކުގައި ދިމާވާ ދަތިތަކާއި އެ ކޮމެޓީގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގަ އެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް ބާރުބޮޑުވާތީ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން އިންތިޒާމުކުރާ ގޮތަށް ބަދަލުކުރަން އެލްޖީއޭއިން ވަނީ ހުށައަޅާފަ އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީ، ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ބަދަލުކުރުމަށް އީސީގެ ހުށަހެޅި ހުށަހެޅުމެއް ތާއީދުކުރައްވައި، އިތުރު އިހުތިޔާރެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެއީ އަންހެނުންގެ ކޮމެޓީތަކުގެ މައި އިންތިހާބު އީސީން ބާއްވާފައި، ބައި އިލެކްޝަންތައް ބޭއްވުން އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމެވެ. އެއީ މިހާރު ވެސް، އެ ބައި އިލެކްޝަންތައް ބާއްވަން އީސީން ބޮޑު ހަރަދެއް ކުރަން ޖެހޭތީ ކަމަށެވެ.

އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ގިނަވެ، އީސީ އަށް މި އަހަރަށް ކަނޑައެޅި ބަޖެޓު އަހަރު ދެބައިނުވަނީސް ހުސްވާން ކައިރިވެފައިވާ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ޑަބްލިއުޑީސީތަކުގައި މަސައްކަތްކުރާ ތިނެއް ނުވަތަ ހަތަރު މެމްބަރުން ކޮންމެ މަހަކު ވެސް އިސްތިއުފާދޭ ކަމަށެވެ. އަދި މިއިން ކޮންމެ ފަހަރަކު ވެސް ބައި އިލެކްޝަން ބޭއްވުމަށް 150،000ރ. ހަރަދުވާ ކަމަށެވެ.

މިދިޔަ އަހަރު އީސީން ވަނީ އަންހެނުންގެ ކޮމެޓީތަކުގެ 11 ބައި އިލެކްޝަން ބާއްވާފަ އެވެ. މި އަހަރު މިހާތަނަށް އެކަނި ވެސް 10 ބައި އިލެކްޝަން ބާއްވާފައިވެ އެވެ. އަދި އަންނަ މަހު ފަސް ބައި އިލެކްޝަނެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، އިތުރު ތިން ބައި އިލެކްޝަން ބާއްވަން ޖެހެ ކަމަށް އީސީން ބުނެ އެވެ.