ޕަންޖާބީގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސިދޫ މޫސްގެ ގަޔަށް ބަޑި ޖަހައި މަރައިލުމާއި ގުޅިގެން ބޮލީވުޑުގެ އެކްޓަރ ސަލްމާން ޚާނާއި ލަވަކިޔުންތެރިޔާ މީކާ ސިންގަށް ބިރުވެރިކަން ކުރިމަތިވެއްޖެއެވެ.

އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕާ، ސީދޫ މޫސް ވާލާ ގަޔަށް ބަޑި ޖަހައި މަރާލި ހާދިސާއާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާނާއި ލަވަކިޔުންތެރިޔާ މީކާ ސިންގްގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނީ ސީދޫގެ ގަޔަށް ބަޑި ޖަހައި މަރައިލިކަމުގެ ޒިންމާ އުފުލި ގޭންގަކީ މީގެ އަހަރުތަކެއް ކުރިން ސަލްމާނަށް ވެސް މަރުގެ އިންޒާރު ދިން ގޭންގަކަށްވާތީ އެވެ. މި މަރުގެ ތުހުމަތުތައް ކުރަނީ ގޭންގްސްޓާ ލޯރެންސް ބިސްނޯއީއަށެވެ.

ލޯރެންސް ސަލްމާނަށް އިންޒާރުދިނީ ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ޝިކާރަކުރި މައްސަލާގައި ކަމަށްވެ އެވެ.

މިހާރު ސިފައިން އަންނަނީ ސަލްމާނުގެ އެޕާޓްމަންޓް ހިމެނޭ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

ސަލްމާންގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ މީކާއަށްވެސް ފުލުހުން އަންނަނީ ސެކިއުރިޓީ ދެމުންނެވެ. މީކާ އަށް ސެކިއުރިޓީ ދެމުން އަންނަނީ ސިދޫ އަށް މަރުގެ އިންޒާރު ދީފައިވާ ކަމަށްބުނެ ސޯސަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ.

ބަޑިޖަހައި މަރާލި ސިދޫ އާއެކު މީކާ ސިންގް

ޕަންޖާބުގެ ފުލުހުން ވެސް ބުނެފައިވާ ގޮތުގައި ސީދޫ މަރައިލުމުގެ ފަހަތުގައި އޮތީ ބިޝްނޯއީ ގޭންގު ކަމަށް ތުހުމަތު ކުރެވެ އެވެ. ކޮންގްރެސް ލީޑަރުކަން ވެސް ކުރަމުން ދިޔަ އުމުރުން 28 އަހަރުގެ ސީދޫ މަރާލީ ޕަންޖާބުގެ ފުލުހުން 424 މީހަކަށް ދެމުން އައި ސެކިއުރިޓީ އުވައިލިތަނާ ހެންނެވެ. ސީދޫ އަކީ ވެސް ސެކިއުރިޓީ ލިބެމުން އައި މީހެކެވެ. އޭނާ މަރާލުމުގެ ދެ ހަފުތާ ކުރިން ވަނީ "ދަ ލާސްޓް ރައިޑް" ގެ ނަމުގައި ލަވައެއް ވެސް ނެރެފަ އެވެ.

ސިދޫގެ މަރާއިގުޅިގެން މިހާތަނަށް ހަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.