އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ،މި މަހުގެ 30 އާއި ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އާ ދެމެދު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހޭ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވުމަކީ ވެސް އެ ކޮމިޝަނުގެ މެމްބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެ އިތުރުން މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވަނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އަދި މަގާމަށް ކުރިމަތިލާ ފަރާތަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ވެގެންވެސް ނުވާނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ފަސް އަހަރު ވެފައި ވާންޖެހޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަން ހުސްވެފައި މިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް އިސްތިއުފާ ދެއްވުމުންނެވެ. އަކްރަމް އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރުމުންނެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރަމުންދާ ޖިންސީ ފުރައްސާރަ ކުރުމުގެ ކުށަށް އަކްރަމް ވަނީ އިންކާރު ކުރައްވާފަ އެވެ.