ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އިންނަ ކައުންސިލާއެކު ރައީސް ސޯލިހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ކަމަށްވާ ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުންފަދަ ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަަގީންކަން ދެއްވާފައިވާތީ އެކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި އިތުރުކަންކަމުގެ ތެރޭގައި އެއާޕޯޓު ސަރަޙައްދަށް ދާން އޮންނަ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމާއި ފެރީ ނެޓްވޯކް ފެށޭއިރު ބަނދަރަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭގޮތުންނާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވަމުންދިއުމުގެ ކަންބޮޑުވުމާއި އަދި ޔޫތު ސެންޓަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެ އެވެ.

ށ. ފުނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެބައެއްގެ މެދުގައި އޮންނަ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާ ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން ކުރިޔަށްގެންދިއުންކަން އެމަނިކުފާނު ފަހަގަކުރެއްވި އެވެ.

މީގެ އިތުރުން، ފުނަދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ފުނަދޫގެ ތަރައްގީގެ ކަންކަމުގެ މައްޗަށް ވެސް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ. އެގޮތުން އެ ޖަލްސާގައި ރައީސް ވަނީ ބިންހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ކުރިޔަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. އަދި ފުނަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ކުރިޔަށް ގެންދަވާނެ ކަމަށާއި އަދި ސްކޫލަށް އިތުރުކުރެވޭ 15 ކްލާސްރޫމުގެ މަސައްކަތް ކުރިޔަށްދާކަމާއި ފުނަދޫ ސްކޫލުގައި ސްޓާފް ރޫމެއް ހިމެނޭހެން އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ އައު އިމާރާތުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ކުރިޔަށްގެންދަވާނެކަމުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ށ. އަތޮޅުގެ ހެލްތު ސެންޓަރުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ހެލްތު ސެންޓަރުތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހެލްތު ސެންޓަރުތަކަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަމާއި މެޑިކަލް ކޮންޒިއުމަބުލް ހޯދުމުގައި ހުރި ދަތިތަކާއި ހަރުމުދާ ހޯދުމުގައި ހުރި ދަތިތަކާއި އިންސާނީ ވަޞީލަތް ހޯދުމުގައި ހުރި ދަތިތައްފަދަ ކަންކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ށ. އަތޮޅުގެ ސިއްހީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ބަޖެޓު ތެރެއިން ގެނެވެން ހުރި ބަދަލުތައް ގެންނެވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު މުޅި ސިއްހީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ށ. އަތޮޅުގެ ސިއްހީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.