ރުގްޔާގެ ނަމުގައި ހަތަރު އަންހެނަކަށް އަނިޔާ ކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓަކުން އަމުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކުރި މައްސަލައިގައި 24 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުންނަށް ކުރާ އިތުރު ތުހުމަތުގެ ތެރޭގައި އަންހެނަކާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަނެއްގައި 24 އަހަރުގެ މީހާ 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ އޮފިޝަލަކު ރޭ ވިދާޅުވީ އޭގެ ތެރެއިން 39 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ރޭ 10:30 ގައި ކަމަށެވެ. އަދި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 9:51 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލައެއްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ފުލުހުންނަށް ނުވަތަ ޖެންޑާ މިނިސްޓްރީ އަށް ރިޕޯޓުކޮށްދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.