މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ހުރި ކެމިކަލް ކޮންޓެއިނަރަކުން ކެމިކަލް ލީކްވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، އެމްޕީއެލް ސަރަހައްދުގައި ހުރި ކެމިކަލް ކޮންޓެއިނަރަކުން ކެމިކަލް ލީކުވި ހާދިސާއެއްގެ ރިޕޯޓު އެ އިދާރާއަށް މިއަދު 11:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާ ރިޕޯޓްކުރުމާ އެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް އިން އެ ސަރަހައްދަށް ގޮސް، ހަރަކާތްތެރިވެފައިވާ ކަމަށާއި، ކެމިކަލް ލީކުވަމުންދާ ކޮންޓޭނަރު ސާފުކުރުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

އެ ސަރަހައްދުގައި ލީކުވި ކެމިކަލް ކޮންޓެއިނަރަކީ 48 ފޫޓުގެ ކެމިކަލް ކޮންޓެއިނަރެކެވެ. އަދި އެ ކޮންޓެއިނަރުން ކެމިކަލް ލީކުވާން ފެށިކަން ފާހަގަވެފައިވަނީ ކޮންޓެއިނަރުން ދުން އަރަން ފެށުމުން ކަމަށްވެ އެވެ.

އެގޮތުން ކޮންޓެއިނަރުން ލީކުވީ ހައިޑްރޮޖެން ޕެރޮކްސައިޑް އަޅާފައިހުރި ކެމިކަލް ހަންތަކަކުން ކަމަށް އެނގިފައިވެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.