ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ 14 ދުވަހުގެ ކަރަންޓީނު މުއްދަތު އަންހަ ހުކުރު ދުވަހުން ފެށިގެން 10 ދުވަހަށް ކުރުކުރަން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އަންނަ ހުކުރު ދުވަހުން ފެށިގެން ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެ އެޖެންސީ ގެނައި ބަދަލުތަކަކީ:

1. ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާ މުއްދަތު ދިހަ ދުވަސްކަމުގައި ކަނޑައެޅުން. އަދި މި މުއްދަތަށްފަހު ފީސީއާރް ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކުރުން.

2. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުންދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އެކުވެ އުޅޭއިރު ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން.

3. ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ދަތުރުކުރުން. މިގޮތަށް ހެދޭ ޓެސްޓަށް ޚަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުންނެވެ.

އެޗްޕީއޭ އިން ބުނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަޖައްސާނީ 2020 ޑިސެންބަރު 4 ވަނަ ދުވަހުން ފެށިގެން ދަތުރުކުރާ ފަރާތްތަކަށެވެ. އަދި އެ ތާރީޚްގެ ކުރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުކުރެވިފައިވާ މީހުން ކުރިން ކަނޑައެޅިފައިވާގޮތަށް 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ކަރަންޓީނުން ދޫކުރެވޭނީ ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއާ އެކު ކަމަށް ވެސް ބުނެފައިވެ އެވެ.

"މަތީގައިވާގޮތުގެ މަތިން ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ހަމަޖައްސާފައިވަނީ ހަމައެކަނީ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވުމަށެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނު ވާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތަކީ 14 ދުވަސް ކަމުގައި ސަމާލުކަމަށްޓަކައި ދަންނަވަމެވެ،" އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ކަރަންޓީނުގެ މުއްދަތު ކުރުކުރަން ނިންމީ ކޮވިޑް-19 އާ ގުޅޭ ކަންކަން ނިންމާ ޕޮލިސީ ކޮމިޓީން އިއްޔެ ރޭ ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހު އެވެ.

މީގެކުރިން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފައި ކަރަންޓީނުގެ މުއްދަތު 14 ދުވަހަށް ކުރުކުރެވޭނީ ސައިންޓިފިކް އާ ހެކި ލިބިގެން ކަމަށެވެ.

ކަރަންޓީނުގައި ހުންނަން ޖެހެނީ އެ މުއްދަތުގެ ތެރޭގައި ބަލީގެ އަލާމާތެއް އެމީހެއްގެ ފަރާތުން ފެނިދާނެ ކަމަށް ބެލެވޭ މީހުންނެވެ. ރާއްޖޭގައި ކަރަންޓީނުގެ މުއްދަތު ކުރުކޮށްފައިވާއިރު، ބައެއް އެހެން ގައުމުތަކުގައި ވެސް ވަނީ ކަރަންޓީނުގެ މުއްދަތު ކުރުކޮށްފަ އެވެ.