ސްޓެލްކޯ އިން މުވައްޒަފުންނަށް ހޯދައިދިން ފްލެޓްތަކުގެ ބަދަލުގައި ކުންފުނިން ހަމައެކަނި ބޭނުންވާ ކަމަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތް އިހްލާސްތެރިކަމާ އެކު ފޯރުކޮށްދިނުން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފު މިފަދައިން ވިދާޅުވީ މިއަދު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސްޓެލްކޯ ފްލެޓް ލިބުނު މުވައްޒަފުންނަށް ދަޅުތަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ފްލެޓްތައް ކާމިޔާބު ކަމާއެކު ނިންމާލެވުނީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުން ވެސް ކުރެއްވި މަސައްކަތުން ކަމަށާއި، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސްޓެލްކޯއިން ދެ ޓަވަރު ތަރައްގީ ކޮށްފައިވަނީ ޗައިނާގެ ރޯޓައިމްސް ކުންފުންޏާ ހަވާލުކޮށްގެނެވެ.

މިމަޝްރޫއަށް ހަރަދުވި ވަރާ ބެހޭ ގޮތުން ޝަރީފު ވިދާޅުވީ ފްލެޓް ތަރައްގީ ކުރުމަށް 696 މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ އަތުން ނަގާނީ ޖުމުލަ 623 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ. ފްލެޓްތައް އިމާރާތް ކުރުމަށް ހޭދަވި ބާކީ 73 މިލިއަން ރުފިޔާ ހަރަދުކުރީ ސްޓެލްކޯ އިންނެވެ.

ޝަރީފު ވިދާޅުވީ، ފްލެޓްތަކުގެ އަގު ބޭންކެއް މެދުވެރިކޮށް ދެއްކުމުގެ ބަދަލުގައި އެ ކަން ކުރަނީ މުވައްޒަފުން ސްޓެލްކޯ އަށް އިންސްޓޯލްމަންޓަށް ފައިސާ ދައްކައިގެން ކަމަށެވެ. އެހެން ހެދީ މުވައްޒަފުންނަށް ވީހާ ވެސް ބޮޑަށް ލުއިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިންގަލް ބެޑްރޫމް އެޕާޓްމަންޓެއް ނަމަ ބޭންކަށް ދައްކަން ޖެހޭނެ 5.8 މިލިއަން ރުފިޔާ. އެކަމަކު މިހާރު މިއިން ގޮތުން ސްޓެލްކޯއަށް ކޮންމެ މަހެއްގައި ދައްކަން މިހާރު ކަނޑައަޅާ އަދަދުން 2.1 މިލިއަން ކޮންމެ އަހަރަކު ދައްކާނެ. 3.7 މިލިއަން ރުފިޔާގެ ސޭވިން އެއް އެއީ. ދެ ކޮޓަރީގެ އެޕާޓްމަންޓަށް ބަލާނަމަ ބޭންކު ލޯނަކަށް ގޮސްގެން 12 ޕަސަންޓާއެކު 10.6 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ. ސްޓެލްކޯއިން އެވަނީ 3.8 މިލިއަން ރުފިޔާ ދައްކާފައި. 6.9 މިލިއަން ރުފިޔާގެ ސޭވިން އެއް މި،" ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ ފްލެޓްތަކުގެ ބަދަލެއްގެ ގޮތުގައި މުވައްޒަފުންގެ ފަރާތުން ބޭނުންވަނީ އެންމެ ކަމެއް ކަމަށާއި، އެ ކަމަކީ އިހުލާސްތެރިކަމާއެކީގައި ހިދުމަތް ލިބިގަންނަ ފަރާތް ބޭނުންވާގޮތަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސްޓެލްކޯއިން ރައްޔިތުންނަށް ދިނުމަށްޓަކައި ކަނޑައަޅާފައިވާ ހިދުމަތް އިހުލާސްތެރިކަމާއެކީގައި ހިދުމަތް ލިބިގަންނަ ފަރާތް ބޭނުންވާގޮތަށް އަޅުގަނޑުމެން ހިދުމަތް ދިނުމުގައި މަސައްކަތް ކުރުން،" ޝަރީފް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ހިދުމަތް ލިބޭ ފަރާތަކީ ރައްޔިތުން ކަމަށާއި، ސްޓެލްކޯއިން ރައްޔިތުންނަށް ހިދުމަތް ކޮށްދޭންވީގޮތް އެނގޭނީ ރައްޔިތުންނަށް ކަމަށެވެ. އެ ހިދުމަތަކީ ގަބޫލުކުރެވޭ ހިދުމަތެއްތޯ ނުވަތަ ގަބޫލުނުކުރެވެ ހިދުމަތެއްތޯ ނިންމާނީވެސް ރައްޔިތުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ފްލެޓްތަކަށް ނަން ކިޔުމުގެ ބާރު އެ ކުންފުނީގެ ބޯޑުން އޭނާއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާއަށް އެ ފްލެޓްތަކަށް ކިޔުމަށް ފެންނަ ނަމަކީ "ބްލޫ ރިޖް" ކަމަށް ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ ދެ ޓަވަރުގައި 360 ފްލެޓު ހިމެނެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އަދި މެއިޑް ރޫމްގެ 288 އެޕާޓްމަންޓްތަކެވެ.