ގައުމެއްގެ ހާލަތު ރަގަޅު ވާނީވެސް އަދި ގޯސްވާނީވެސް އެ ބަޔަކު އަމިއްލައަށް ހާލަތު ބަދަލު ކުރުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.
ފަހަކަށް އައިސް ގިނަ ޓްވީޓްތަކެއް ކުރަމުން އަންނަ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމެއްގެ ހާލަތު ރަގަޅުވާނީ ވެސް ނުވަތަ ނުބައިވާނީ ވެސް އެ ގައުމެއްގެ ބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުން ކަމަށެވެ.
ރާއްޖޭގައި އިސްލާހު ކުރުމަށް ހުރި ކަންކަން ވަރަށް ގިނަކަން ފާހަގަ ކުރައްވަމުން މިނިސްޓްރު އިމްރާން ވަނީ ސުވާލެއް ކުރައްވާފަ އެވެ. މިނިސްޓަރު އިމްރާން ކުރެއްވި ސުވާލުގައި ވިދާޅުވެފައިވަނީ އިސްލާހު ކުރަން ހުރި ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރަނީ ކިތައް މީހުންތޯ އެވެ.
އިމްރާން މިފަދައިން ޓްވީޓް ކޮށްފައިވާއިރު ރާއްޖޭގައި ވަނީ އިސްލާމް ދީނާ ހިލާފު އެތަކެއް ކަމެއް ފެންމަތިވެގެން ގޮސްފަ އެވެ. އަދި ސަރުކާރު ތެރޭގައި އިންތިހާކަށް ކޮރަޕްޝަން އޮތް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތައް މިސަރުކާރުން ހިމާޔަތް ކުރާ ކަމުގެ ތުހުމަތު ކުރެ އެވެ.
ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި ފަހުން ރަސްމީ ހައިސިއްޔަތުން ނޫން ގޮތަކަށް ވަރަށް މަދުން ނޫނީ އިމްރާން ޓްވީޓް ނުކުރައްވަ އެވެ. ނަމަވެސް ޖުލައި ފެށުނީއްސުރެ އޭނާ ގެންދަވަނީ އެކި މައުލޫތަކަށް ޓްވީޓް ކުރައްވަމުންނެވެ.