ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

އެހެންނަމަވެސް ޖުމްހޫރީ ޕާޓީއިން ބުނީ ގާސިމްގެ ހާލުކޮށްޅު ރަނގަޅު ކަމަށެވެ.

ގާސިމް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނެވީ ރޫޓީން ޗެކަޕަކަށް ކަމަށްވެސް އެޕާޓީއިން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ހޮސްޕިޓަލަށް ގެންދިޔައީ ހިތުގެ އާލާސަކަންފުޅަކާ ގުޅިގެންކަން ކަމާއި މިހާރު އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ.

ގާސިމްގެ ހާލުކޮޅު ދެރަވެގެން ސަން އައިލެންޑް ރިސޯޓަށް ޑޮކްޓަރުންގެ ޓީމެއް އެމަޖެންސީގައި ދިޔަ ކަމަށް މިދިޔަ ހުކުރު ދުވަހުވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް ޖޭޕީން އެކަން ދޮގުކުރި އެވެ.

އުމުރުފުޅުން މިހާރު 70 އަހަރު ވެފައިވާ ގާސިމަކީ މީގެ ކުރިންވެސް ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ކުރައްވާފައިވާ ބޭފުޅެކެވެ.