މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ މާލޭގެ ފިހާރައެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސްން ގުޅިގެން ނިމިދިޔަ މަހުގެ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އޭނާގެ ފިހާރަ ބަލައި ފާސްކުރިއިރު 69 ފުޅި ބަނގުރާ ފެނުނުކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ވެސް ބަނގުރާ ކަމަަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ޕާޓީ ޑްރަގް ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގުކުރަމުންކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.