ކްރިތީ ސަނޯން އާއި ޕްރަބާސްގެ އިތުރުން ސައިފް އަލީ ޚާން އެކީގައި ކުޅުނު ފިލްމު "އަޑިޕުރުޝް" އަކީ ގިނަ ބަޔަކު އެ ފިލްމަކަށް އެންމެ އިންތިޒާރު ކުރަމުންދިޔަ އެއް ފިލްމެވެ.

ހިންދޫ ދީނުގެ ވާހަކަތަކަށް ބިނާކޮށް އެ ފިލްމު ކުޅޭއިރު، ފިލްމުގެ ބަތަލެއްގެ ރޯލު ކުޅެނީ ޕްރަބާސް އެވެ. އަދި ބަތަލާގެ ރޯލު ކްރިތީ ކުޅޭއިރު، ފިލްމުގައި ނެގެޓިވް ރޯލަކުން ސައިފް ފެނިގެންދާނެ އެވެ.

މަޝްހޫރު، އަދި ކާމިޔާބު ފިލްމުތައް ކުޅެދީފައިވާ ފަންނާނުން އަދިޕުރުޝް ކުޅުނު ނަމަވެސް ފޭނުންނަށް އެ ފިލްމުގެ ޓީޒާ އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް ސޯޝަލް މީޑިއާގައި އާންމުން ބުނަން ފެށީ އެ ފިލްމުގެ ޓީޒާ އާންމުކުރުމުންނެވެ. އޭގެ ތެރެއިން ފިލްމުގެ ވީއެފްއެކްސްއަށް ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، ފިލްމު ހެދުމުގައި ހިންދޫ ދީނުގެ އުސޫލުތަކާއި ޚިލާފުވެފައިވާ ކަމަށް އާންމުން ދަނީ ބުނަމުންނެވެ.

އާންމުން އެންމެ ބޮޑަށް ފާޑުކިޔާފައިވާ އެއްކަމަކީ ފިލްމުގައި ނެގެޓިވް ރޯލަކުން ފެނިގެންދާ ސައިފް ހުންނަ ގޮތަށެވެ. އެގޮތުން ހިންދޫ ދީނުގައިވާ 'ރާމާޔަނާ' ގައިވާ ގޮތާއި ޚިލާފަށް ނެގެޓިިވް ރޯލު ކުޅޭ ރާވަން ވައްތަރުކޮށްފައި ވަނީ އިންޑިއާގައި ވެރިކަން ކުރި މުސްލިމުން ކަމުގައިވާ މުގަލް އާއިލާއަށް ނިސްބަތްވާ އަލާއުއްދީން ޚިލާޖީއާ ކަމަށް އާންމުން ބުނެފައިވެ އެވެ.

މިކަމާ އިންޑިއާގެ މުސްލިމުންގެ އިތުރުން ހިންދޫ ދީނަށް ނިސްބަތްވާ މީހުން ވެސް ވަނީ ފާޑުކިޔައިފަ އެވެ. އެގޮތުން މީގެ އަހަރުތަކެއް ކުރިން 'ރާމާޔަނާ' ގައި ބަތަލާ (ސީތާ) ގެ ރޯލު ކުޅުނު ދީޕިކާ ޗީކް ލިޔާ ވެސް ވަނީ އޭނާގެ ހިޔާލު ފާޅުކޮށްފަ އެވެ.

އޭނާ ބުނިގޮތުގައި ރާވަން ވައްތަރުކުރަން ޖެހޭނީ، ހިންދޫ ދީނުގައި ބަޔާން ކޮށްފައިވާ ގޮތަށެވެ. އަދި މުސްލިމު ބަޔަކާއި، ނެގެޓިވް ރޯލަކުން ފެންނަ ރާވަން ވައްތަރުކުރުމަކީ ހިންދޫ ދީނުގެ އުސޫލްތަކާ ޚިލާފުވާނެ ކަމެއް ކަމަށާއި، އެއީ އާންމުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކުރެވޭ ކަމަކަށް ވެސް ވެދާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އާންމުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު އޯމް ރައުތު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ފިލްމުގެ ވާނުވާ އެނގޭނީ ފިލްމު އެއްކޮށް ބެލުމުން ކަމަށް އޭނާ ބުނެފައިވެ އެވެ.

އެ ފިލްމް މީގެ ކުރިން ނެރުމަށް ހަމަޖެހިފައި އޮތީ އޮގަސްޓް މަހު އެވެ. އެހެން ނަމަވެސް އެ ފިލްމް ރިލީޒްކުރާ ތާރީހު މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ އަށް ބަދަލުކޮށްފަ އެވެ.