ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ގޮތުން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުން، އެއްވެސް އިއުތިރާޒެއް ނެތް ގޮތުގައި މި ބިލު ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ. ބިލުގެ މާއްދާތައް އިތުރަށް ދިރާސާކޮށް ފާސްކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީއަށް ފޮނުވާފަ އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު އަލީ އިބްރާހިމް ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ފުޅާވަމުންދާ ދަނޑިވަޅެއްގައި، ކަސްޓަމަރުންނާއި އާންމުންގެ ޕްރައިވަސީ ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ބޭނުންވެފައިވާ މުހިންމު ބިލެކެވެ. މި ބިލު ގާނޫނަކަށް ވުމުން މައުލޫމާތު އެއްކުރާ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ގާނޫނީ ހަމަތަކުގެ މަތިން ރެގިއުލޭޓް ކުރެވެން ފަށާނެ އެވެ.
ބިލުގައި ހިމެނޭ މުހިންމު އިދާރީ އަދި ގާނޫނީ ބަދަލުތައް:
- އައު ޒިންމާތަކާއި އޮފިސަރުން އައްޔަންކުރުން: ޑޭޓާ ކޮންޓްރޯލް ކުރާ އަދި ޕްރޮސެސް ކުރާ ފަރާތްތަކުން ރެކޯޑުތައް ބަލަހައްޓަންޖެހޭ ގޮތުގެ ތަފްސީލުތައް ބަޔާންކޮށްފައިވާއިރު، ގާނޫނުގައި ކަނޑައަޅާ ވަކި ހާލަތްތަކެއްގައި "ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން" ކަނޑައެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.
- ކްރޮސްބޯޑާ ޑޭޓާ ޓްރާންސްފާ: ރާއްޖެއިން ބޭރުގެ ގައުމުތަކަށާއި ބައިނަލްއަގުވާމީ އިދާރާތަކަށް ދިވެހިންގެ ޒާތީ މައުލޫމާތު ފޮނުވުމާއި ނުވަތަ ބަދަލުކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް މި ބިލުން ކަނޑައަޅަ އެވެ.
- ޑޭޓާ ބްރީޗްތަކަށް ފިޔަވަޅު އެޅުން: މައުލޫމާތު ރައްކާކޮށްފައިވާ ނިޒާމަކަށް ނުވަތަ ޑޭޓާބޭސްއަކަށް ހުއްދަނެތި މީހަކު ވަދެ، ޑޭޓާ ބްރީޗެއް (އޮޅުމަކުން ނުވަތަ ގަސްދުގައި މައުލޫމާތު ލީކުވުން) މެދުވެރިވެއްޖެ ހާލަތެއްގައި، މައުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ރަސްމީ އިޖުރާއާތުތައް ބަޔާންކުރެ އެވެ.
- ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު: މި ގާނޫނު ތަންފީޒުކުރުމުގެ އެންމެ އިސް ޒިންމާ ހަވާލުކުރަން ނިންމާފައިވަނީ "ޕްރައިވަސީ ކޮމިޝަނަރު"ގެ މަގާމަށެވެ.
ބިލުގައިވާ ގޮތުން މި ދައުރު އަދާކުރައްވާނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މިހާރުވެސް އައްޔަންކޮށްފައި ހުންނަވާ އިންފޮމޭޝަން ކޮމިޝަނަރެވެ.
މިނިސްޓްރީއާ ދެމެދު އޮތް މައްސަލަ ހައްލުކުރަން އެލްޖީއޭއަށް
ޑިޖިޓަލް ސާވިސްއަށް ބޮޑެތި ބާރުތަކެއް ދޭން ބިލެއް ހުށަހަޅައިފި
ބުރުގާ ނާޅާ ލަވަކިޔުމުގެ އަދަބަކަށް ވީ ހައްދު ޖެހުން!